އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންސާފުވެރި ތަހުގީގެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިގޮތަށް ވިދާޅުވީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައި އޭސީސީއަށް ހާޒިރުވުމަށް އަންގައި ޗިޓެއް ފޮނުވުމުންނެވެ.
ފައްޔާޒް އިސްމާއީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް މިއަދު ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ.
"އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރަން. ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރައި ހަމަކުރާނެ. މުއިއްޒު ކަހަލަ ހުދުމުހުތާރު، އަނިޔާވެރި މީހަކު ވެރިކަމާ ހަވާލުވުމުން މިހާރު މާބޮޑަށްވެސް ސާފުވެގެން ދަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން. މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެންމެން ޖަލަށްލީ ނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީ ހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދޭން ކުރަންޖެހޭ މަސައްކަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
ޗިޓުގައި ބުނެފައިވާ ގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައިވާ ކަމަށެވެ.
އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތުގެ އިތުރުން އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ޗިޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ފައްޔާޒު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
އަލީ އަފާފު ރަމީޒު
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު