﷽
ހަވީރު ވެހެން ފެށި ވިއްސާރައަލިކޮށްލީ އިޝާ ނަމާދަށް ބަންގި ގޮވިފަހުންނެވެ. އޭރު ވައިރޯޅިތައް ހިނދި ތޫފާނުގެ އަސަރު ފިލަން ފަށައިފިއެވެ. އުޑުމަތި ސާފުވެ ތަރިތަކުގެ ފަނޑުއަލިކަން ދުރުދުރުން ފާޅުވެއްޖެއެވެ. ވިއްސާރައިގެ ސަބަބުން ފުސްވެފައި ހުރި ކެބިންގެ ކުޑަދޮރަށް ބަލަން އިން ސިމްރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ދުވަހުގެ ވަރުބަލިކަން އިންތިހާއަށް އިހުސާސްކުރެވުނެވެ. އިށީނދެގެން އިން ލެދާރ ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ދެލޯ މަރައިލިއެވެ. އެގޮތުގެ މަތިން އިރުގަނޑެއް ފާއިތުވިފަހުން ލޯހުޅުވަން ޖެހުނީ މޭޒު މަތީ އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނަށް ދިން އަވަސް ނަޒަރާއެކު ސިމްރާގެ މޫނުން ފާޅުވީ އިތުރު ވަރުބަލިކަމެވެ. ހަރަކާތެއްކުރަން ބޭނުންނުވެފައި އިނދެވުނެވެ. ދެވަނަ ފަހަރަށް ފޯނު ރިންގްވާން ފެށުމުން މަޖުބޫރުވީ ފޯނު ނަގާށެވެ. ޖަވާބު ނުދެނީސް ހުއްޓާނުލާނެތީއެވެ.
''ލައްބަ މަންމާ...'' ފޯނު ނަގަމުން ސިމްރާ ވާހަކަދެއްކިއެވެ.
''ގަޑި ކައިރިވާތީ ދަރިފުޅު ވީތަނެއް ބަލައިލަން މިގުޅީ...'' މަންމަގެ ޖުމްލައާއެކު ސިމްރާއަށް ދިގު ނޭވާއެއް ދޫކޮށްލެވުނެވެ. ސިމްރާގެ ތަބީއަތަށް އައިސްފައިވި ހުރިހާ ބަދަލަކާ ގުޅިފައިވާ އަސްލު ސަބަބަކީ އެއީއެވެ. ރޭގަނޑުގެ ކެއުމަށް މަންމަގެ ފަރާތުން ލިބުނު ދައުވަތެވެ. އެހާވަރުން ރޭގަނޑުގެ ކެއުމަށް ހާޒިރުވުމަށް އެދި މަންމަގެ ފަރާތުން ލިބުމުން އަންނަ ކޯލްތަކުން ހިތުގައި ޝައްކު އުފެދުނެވެ. ހެނދުނުން ފެށިގެން ގޮސް ރޭގަނޑާ ހަމައަށް ފަސް ފަހަރު އޭނައަށް ގުޅައިފިއެވެ. އޮފީހުގައި ބުރަކޮށް އުޅެމުން އެކަންތައް ސިކުނޑިން ކައްސާލާހެން ހީވާ ކޮންމެފަހަރަކު ހަނދާންކޮށްދެއެވެ.
''ސިމްރާ؟...'' ވެރިވެގެން އައި ހިމޭންކަމާއެކު މަންމަ ގޮވާލި އަޑު އިވުނެވެ.
''މިދަނީ އިރުކޮޅަކުން...'' ނިތްކުރީގައި ފިރުމާލަމުން ސިމްރާ ބުންޏެވެ. ބޮލުގައި ރިހުމެއް އުފެދެން އުޅޭކަމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. ލޮލުގެ ކަރިން ފެށިގެން ގޮސް ބޮލުގެ އެއްފަޅިއަށް ވަނީ ފާޑެއްގެ ބާރެއް އަރާފައެވެ. ރިހުން ގަދަވަމުން އައި ހިސާބު ސިމްރާއަށް މަސާޖްކޮށްލެވުނެވެ.
''އެންމެ ރަނގަޅު، ގަޑިއަށް އަންނައްޗޭ، ބައްޕަ ވެސް އުޅޭނެ...'' ފޯނުކަނޑާލުމުގެ ކުރިން މަންމަ ބުނި ޖުމްލައާއެކު ސިމްރާގެ މޫޑު އިތުރަށް ގޮސްވުން ނޫންކަމެއް ނުވިއެވެ. ފޯނު ބާއްވަމުން ހަމަހިމޭންވެފައި އޮތް އޮފީސް ތެރެއަށް ސިމްރާ ނަޒަރު ހިންގާލިއެވެ. އޭނަ ފިޔަވާ އިތުރު އެއްވެސް މީހަކު އޮފީހުގައި ނޫޅެއެވެ. ރަސްމީ ގަޑި ނިމުމާއެކު އެންމެން ދިޔައީއެވެ. ލޯބިވާ ޢާއިލާގެ ގާތަށެވެ. ނުވަތަ ރަހުމަތްތެރިނާއެކު ދުވަހުގެ ބާކީ ބައި އުފަލާއި ސަކަރާތުގައި ހޭދަކޮށްލުމަށެވެ. ސިމްރާ ފިޔަވައެވެ. އެފަދަ ވަގުތު ތަކުގައި މޮޅިވެރިކަމުގެ ބޯ ސައިލަކުން އޭނަ ވަށާލައި ހާސްކޮށްލައެވެ. އޭނަގެ އެކަނިވެރިކަމާ މެދު ވިސްނާލަން މަޖުބޫރުވެއެވެ. ލޯބިވާ ޢާއިލާއެއްގެ ފަޅުކަން އިންތިހާއަށް އިހުސާސްކުރެވެއެވެ.
ސިމްރާއަކީ ތަރި ކޮންސްޓްރަކްޝަންގެ ޕްރޮޖެކްޓް ހެޑަކަށް މަސައްކަތްކުރާ ހީވާގި ޒުވާނެކެވެ. އޭނަގެ މިންނެތް މަސައްކަތުން ގިނަ ކާމިޔާބީތައް ވަނީ ލިބިފައެވެ. މަސައްކަތު މާހައުލުގައި މީހުންގެ އިތުބާރާއި ލޯބި ލިބެއެވެ. ދާދިފަހުން ލިބުނު ޕްރޮމޯޝަނަކީ ވެސް އެކަމުގެ ހެއްކެކެވެ. ނަމަވެސް އެއުފާވެރިކަމާއި ކާމިޔާބީތައް ހިއްސާކުރާނެ ގާތް މީހަކު ނެތެވެ. އެކަނިވެރިކަމާއި މޮޅިވެރިކަމުން ހީވަނީ އޭނަގެ ދެފައިގައި ހިލިހިލާ ޖަހާފައިވާހެންނެވެ. ބައެއްފަހަރު ސިމްރާއަށް ހީވަނީ ގަދަ ކަނޑެއްގައި ބެހެމުންދާ ހެންނެވެ. ދާދިދެންމެއަކު ރާޅުތަކާއި އޮޔެވަރުގެ ތެރެއަށް ގެނބިގެން ހިނގައިދާނެހެން ހީވާފަހަރު މަދެއް ނޫނެވެ.
''ދެޓްސް އިނަފް ސެލްފް ޕިޓީ ފޯރ ވަން ޑޭއި...'' ސިމްރާ ގޮނޑިން ތެދުވިއެވެ. އަތްދަބަސް ހިފައިގެން ކެބިންއިން ނިކުންނަން ހިނގައިގަތެވެ.
ކެބިންގެ ދޮރުގެ އެއްފަރާތުގައި ހަރުކޮށްފައި ހުރި އޭނަގެ ނަމާއި މަޤާމަށް ބަލައިލިއެވެ. ފަނޑު ހިނިތުންވުމެއް ސިމްރާގެ ތުންފަތުގައި ދުވެލިއެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު އަލުން ހޯދަން އޭނަ މަސައްކަތްކުރިއެވެ. އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ވެސް އޭނަގެ މިޒާޖަށް އައިސްފަވި ބަދަލުތައް ފާހަގަވެގެން އޭނަގެ ހާލު އޮޅުންފިލުވަން މަސައްކަތްކުރިއެވެ. އެހެންކަމުން ހަޔާތުގެ މިސްރާބާއި ސަމުގާއަށް ކުޑަވެސް ލޮޅުމެއް އައުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. އޭނަ އެހުރި ހިސާބަށް އާދެވުނީ ކެތްތެރިކަމާއި ގަދަ ހިތްވަރުންނެވެ. ކާމިޔާބު މީހަކަށްވެ އޭނަގެ ހުނަރާއި ޤާބިލްކަމަށް ޝައްކުކުރި އެންމެނަށް ޖަވާބުދިނުން އެއީ ސިމްރާގެ އަޒުމެވެ.
ސިމްރާ މިސްރާބު ޖެހީ ފާޚާނާތައް ހުރި ދިމާއަށެވެ. މޭކަޕް އާކޮށްލައި މޫނުމައްޗަށް ދިރުމެއް ގެނެސްދިނުމަށެވެ. ވޮޝްބޭސިން ކަރީގައި އަތް ދަބަސް ބާއްވަމުން، ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލައިލިއެވެ.
ސިމްރާއަކީ ޤުދުރަތުން ފުރިހަމަ ރީތިކަމެއް ލިބިފައިވާ އަންހެންކުއްޖެކެވެ. އޮމާން ރީތި އަލި މޫނެކެވެ. ދިގު އެސްފިޔަތަކުން ހިޔާ ދީފައިވާ މުށިކުލައިގެ ބޮޑު ދެލޮލެވެ. ހިމަ ދިގު ނޭފަތަކާއި ފިޔާތޮށިކުލައިގެ ފުޅާ ދެތުންފަތެވެ. ހެދިހުރި އިސްކޮޅެއްގެ ވެރިއެކެވެ. ހަމައެއާއެކު ސިއްހަތައް ސަމާލުވެ ގަވައިދުން ޖިމަށް ދިއުމުން ލޫޅާފަތި ހަށިގަނޑެއް ލިބިފައިވެއެވެ. ހެދުން އެޅުމުގެ ވައްޓަފާޅީގައި ވެސް ވަނީ ސާދާ ކަމެވެ.
މޭކަޕް ރީތިކޮށްލުމަށްފަހު، އަޅައިގެން ހުރި ބުރުގާ ވެސް ރަނގަޅުކޮށްލަމުން ގަޑިން ވީއިރެއް ބަލައިލިއެވެ. އެއަށްފަހު އަތްދަބަސް ހިފައިގެން ފާޚާނާއިން ނިކުތެވެ. އޮފީސް ހުންނަ އިމާރާތުން ނިކުމެވުމާއެކު ހާމައަށް އޮތް އުޑަށް ސިމްރާ ބަލައިލިއެވެ. ވިއްސާރައިގެ ލިސާނެއްގެ މިންވަރު ވެސް މިހާރު ފެންނަން ނެތެވެ. ތެދަށް ބުނާނަމަ އޭނަ ދުޢާކުރަމުން ދިޔައީ ވިއްސާރަ ހުއްޓާނުލާނެހެންނެވެ. މިރޭގެ ކެއުމުގައި ބައިވެރިނުވާން ބަހަނާއަކަށް ބޭނުން ކުރެވޭނެތީއެވެ. އެހެނަސް ތަޤުދީރު ފަހު ވަގުތު އޭނައަށް ކެހި ދީފިއެވެ.
''ޑިއާރ ވެދާރ، އައިލް ރިމެމްބާރ ދިސް ބިޓްރޭޔަލް...'' މަގުގެ އަނެއް ފަޅީފައި ޕާކުކޮށްފައި ހުރި ސްކޫޕީ ސައިކަލަށް އަރަމުން އޭނަގެ މަންޒިލަށް ދިއުމަށް ދަތުރު ފެށިއެވެ.
*****
މަންޒިލާ ހަމައަށް ދެވުމާއެކު ސިމްރާގެ ހަށިގަނޑަށް ހަރުކަށިކަމެއް އައެވެ. ސައިކަލު ޕާޕުކޮށްލަމުން ކުރިމަތިން ފެންނަން ހުރި ބޮޑު ގެއަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ވަށައިގެން ހުރި އުސްއިމާރާތްތަކުގެ ތެރެއިން ވެސް އެ ގެ ފާހަގަ ކުރެވެއެވެ. ނުވާނީވެސް ކީއްވެ ހެއްޔެވެ؟ ދުރުން ބަލައިލިޔަސް އެގޭގެ މުއްސަނދިކަމާއި ފުރިހަމަކަން ފާޅުވެއެވެ. މައި ފާރުގެ ޑިޒައިނާއި، ކަޅުކުލައިގެ ބޮޑު ގޭޓުން ފެށިގެން ގޮސް ޝާހީ ގޮތަށް ފަރުމާކުވެރިވިފައިވި ގޭގެ ހައިބަތު އިންތިހާއެވެ. ގެއާއި އިންވެގެން އޮތް ބަގީޗާ ވެސް އެހާމެ ޗާލެވެ. ދެއްކުންތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އެއީ ސިމްރާގެ ހަޔާތުގެ ބޮޑުބައެއް ހާދަކުރި ގެއެވެ. ނަމަވެސް އެލަޤަބު ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އެއީ ހަމައެކަނި ހަތަރު ފާރެވެ. އުފާވެރި އެންމެ ހަނަދާނެއް ވެސް އެގެއާއި ގުޅިފައި ނުވެއެވެ. އެހެންކަމުން އެހިތުގައި ޒައްރެއްގެ މިންވަރުގެ ލޯތްބެއް ނުވެއެވެ. ބޭރުފުށުން ބަލައިފި މީހަކަށް ފެންނާނީ އެގޭގެ ޝާހީކަމާއި ރީތި ކަމެވެ. ސަންގުމަރުރުގެ އޮފުކަމެވެ. ނަމަވެސް އެއީ މީހުންނަށް ދައްކާލާ ދަޅައެކެވެ. އެގޭގެ ހާލަތާއި ހަޤީޤަތް ސިއްރުވެފައިވަނީ ގޭގެ ހަތަރުފާރު ތެރޭގައެވެ. މީހުންގެ ލޯތަކަށް އެމަންޒަރުތައް ވަނީ ވަންހަނާކުރެވިފައެވެ. ހިޔަނީގެ ތެރޭގައި ހިނގާ އަނިޔާވެރިކަން ސިމްރާ ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފައެވެ. ކުރަމުން ދިޔަ ހިތްވަރު މުށުތެރޭން ދޫވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމާއެކު ސިމްރާ އޭނަގެ ނަފުސަށް ވިސްނައިދިނެވެ. މިއީ ކުޑަ ހިނދުކޮޅެއްގެ ކަމެކެވެ. އެއީ މިހާރު އޭނަގެ ގެއެއް ނޫނެވެ. ރޭގަނޑުގެ ކެއުން ނިމުމާއެކު އަމިއްލަ އެޕާޓްމެންޓަށް ގޮސް ހަމަޖެހިގެން ނޭވާލުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. ސިމްރާ ވިސްނީ ހަމައެކަނި އެކަމާއެވެ. މިހާލަތު ދާއިމަށް ދެމިގެން ނުދާނެއެވެ.
ސިމްރާ ކުރިއަށް ހިނގައިގަތެވެ. ދޮރުފާރުވެރިޔާއަށް ސިމްރާ ފެނުމާއެކު ހިނިތުންވުމެއް ބަދަލުކޮށްލަމުން ގޭޓު ހުޅުވާލަ ދިނެވެ. ސިމްރާ ވެސް ރައްދުގައި ހިނިތުންވެލިއެވެ.
''ހާޒިމްބެ ކިހިނެއްތަ؟...'' ދޮރުފާރުވެރިޔަކަށް ހުރި އުމުރުން ދުވަސްވީ މީހާގެ ހާލު ސިމްރާ އޮޅުންފިލުވިއެވެ. ހާޒިމްބެއަކީ ސިމްރާއަށް އާ މޫނެއް ނޫނެވެ. ކުޑައިރުއްސުރެން ދެކެފަރިތައެވެ. ގޭގެ ޚާދިމުންނަށް ސިމްރާގެ ހިތުން ހާއްސަ މަޤާމެއް ދެވިފައި ވެއެވެ. ޖަލެއް ފަދަ އެމާހައުލުން ލޯތްބާއި އަޅާލުން ލިބުނީ ޚާދިމުންގެ ފަރާތުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެންކަމުން އެހިތުން ދެވިފައި އޮތް ޤަދަރަށް ކުޑަވެސް އުނިކަމެއް ނާންނާނެއެވެ.
ދުވަސްތަކެއް ފަހުން ސިމްރާއާއި ބައްދަލުކޮށްލުމުގެ ނަސީބު ލިބުމުން އުފާވެރިކަމާއެކު ސިމްރާގެ ހާލު ހާޒިމް އޮޅުން ފިލުވިއެވެ. ސިމްރާ ވެސް ގަޔާވެފައި ވާހަކަދެއްކިއެވެ. ވަކިހިސާބަކުން މަޢުޟޫއު މެދުކަނޑާލަން ޖެހުނީ މަންމަ ގުޅަން ފެށުމުންނެވެ.
ހައިވަކަރުން ފަރުމާކޮށްފައިވި ބޮޑު ދޮރު ހުޅުވާލަމުން ސިމްރާ އެތެރެއަށް ވަނެވެ. އޭނަގެ މިސްރާބު ހުރީ ކާގެއާއި ދިމާއަށެވެ. އެދިޔަ އިރުގައި ބޮޑު ކޮޓަރީގައި އިން ބައްޕަ ސިމްރާއަށް ފެނުނެވެ. ފިޔަވަޅުތައް މަޑުޖައްސާލަމުން، ވަކިން ހުރި ސޯފާގޮނޑީގައި އިން ބައްޕައަށް ސިމްރާ ބަލައިލިއެވެ. ބައްޕަ އިނީ ފޯންކޯލެއްގައެވެ. އޭނަގެ ހިލަންވިހެނެއް ހިޔެއް ނުވެއެވެ. ބައްޕައަށް ގޮވައިލަން ސިމްރާގެ ޒަމީރު އިރުޝާދު ދިނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޚިޔާލު ބަދަލުކޮށްލިއެވެ. ތެދަށް ބުނާނަމަ ބައްޕައާއި ކުރިމަތިލާން އޭނަ ބޭނުމެއް ނޫނެވެ.
ކާގެއަށް ސިމްރާ ވަންއިރުގައި ހާދިމުންނަށް އިރުޝާދު ދިނުމުގައި މަންމަ އުޅުނެވެ. ރޭގަނޑުގެ ކެއުމަށް ހާއްސަކޮށްފައިވި ކާމޭޒަށް ސިމްރާގެ ނަޒަރު ހުއްޓުނެވެ. އެއާއެކު އޭނައަށް ބުމަ އަރުވާލެވުނެވެ. ހީވަނީ ޖާފަތަކަށް ތައްޔާރުވެފައިވާ ހެންނެވެ. ކާމެޒުމަތީ ހުރީ ވެސް މިހާރުގެ ބަހުންނަމަ ''ފެންސީ'' ކާއެއްޗިއްސެވެ. ހީވަނީ މެހުމާނަކަށް ހާއްސަކޮށްގެން ތައްޔާރުކުރެވިފައިވާ ހާއްސަ ކެއުންތަކެއް ހެންނެވެ. އެއާއެކު މަންމަގެ މޫނަށް ސިމްރާ ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ.
''ސިމްރާ!...'' ރަޒީއާ ގޮވަލިއެވެ. ސިމްރާގެ ދެލޮލުގައިވި ސުވާލުތައް ރަޒީއާއަށް ފާހަގަކުރެވުނަސް ގަސްދުގައި ނުފެންނަކަމަށް ހެދިއެވެ.
''ކޯޗެއް ލައިގެންތަ ތިހިރީ!...'' ސިމްރާ ލައިގެން ހުރި އާދައިގެ އަބަޔާ ރަޒީއާއަށް ކަމަކު ނުދިޔައެވެ. ހިތްމަނުޖެހުން ފާޅުވީއެހެންވެގެންނެވެ. ޚާދިމުމްމަށް ދެމުން ދިޔަ އިރުޝާދުތައް މެދުކަނޑާލަމުން އޭނަ އައިސް ހުއްޓުނީ ސިމްރާގެ ކުރިމައްޗަށެވެ. ދެބުމަކައިރިކޮށްލީ ސިމްރާއާ މެދު ނުރުހިއްޖެކަން ހާމަކުރާށެވެ.
''އޮފީސް ނިންމާލާފަ ދެންމެ ފްރީވީ...'' ސިމްރާ ބުންޏެވެ. ކުރިން ވެސް މަންމަގެ ނުރުހުން އަމާޒުވާނެކަން އޭނައަށް ލާފަކޮށްލެވުނެވެ. މިވީހާ ތަނަށް އޭނައަށް ރަނގަޅަށް ކުރުވުނީ ކޮންކަމެއް ހެއްޔެވެ؟
''ވަޓް!، އޮފީސް ނިންމާލިގޮތަށޭ؟...'' ރަޒީއާގެ އަޑުގައިވަނީ ނުރުހުމެވެ. ''ހެނދުނުއްސުރެން މި ހަނދާންކޮށްދެނީ، ތަންކޮޅެއް ރީތިވެލައިގެން އާދެވިދާނެދޯ...''
''ވަކި ހާއްސަ އިވެންޓެއް އޮތީތަ؟...'' މަންމަގެ ސުވާލުތަކާ ވިއްދައިގެން ސިމްރާ ސުވާލުކޮށްލިއެވެ، މަންމަގެ މިޒާޖަށް އައި ބަދަލުން ސިމްރާގެ ޝައްކުތައް ޔަޤީނަށް ބަދަލުވާނެ ނެގީ ހިނދުކޮޅެކެވެ.
''ނޫން، ފެމިލީ ޑިނާރއެއް ވީމަ، ސިމްރާއަށް މަންމަމެންގެ ގާތަށް އާދެވޭ ކަމަކަށް ނުވޭވިއްޔަ، ސިމްރާ ވަކިން އުޅުނަސް މީ ސިމްރާގެ ޢާއިލާ...'' ރަޒީއާގެ ރާގުން ހީވަނީ ސިމްރާ ކުށްވެރިކުރަން އުޅުނުހެންނެވެ. މައިންބަފައިންނަށް ވަގުތު ނުދޭކަމުގެ ތުހުމަތު ކުރާ ހެންނެވެ. އެއީ ރަޒީއާގެ އާދައެވެ. ސިމްރާ ވަކިން އުޅެން ދިޔަ ފަހުން ރަޒީއާގެ ޝަކުވާތައް އިންތިހާއެވެ. މޮޅެތި އުކުޅުތައް ބޭނުންކޮށްގެން އޭނަގެ ހީލަތްތެރިކަމާއި މަކަރުވެރިކަމުގެ ދަލުގައި ސިމްރާ ހައްޔަރުކުރެއެވެ. އޭނަގެ ނުފޫޒުގެ ދަށުގައި ސިމްރާ ޤައިދުކުރަން ރަޒީއާ މަސައްކަތްކުރެއެވެ.
ސިމްރާ ދޫކޮށްލީ ފުންނޭވާއެކެވެ. މަންމައަށް ނުރުހުމުގެ ބަހެއް ބުނަން ސިމްރާ ބޭނުމެއް ނުވިއެވެ. ކޮންމެ ހާލެއްގައި ވިޔަސް އެއީ އޭނަގެ މަންމައެވެ. އެމަންމައަށް ލިބެންޖެހޭ ޤަދަރާއި އިހުތިރާމަށް އުނިކަމެއް ގެންނަން އޭނަ ބޭނުމެއް ނޫނެނެވެ. މަންމަގެ މިޒާޖު ރަނގަޅަށް ދަސްވެފައިވިކަމުގައި ވިޔަސް މެއެވެ.
ސިމްރާގެ ދަތްދޮޅީގައި ހިފާލަމުން އޭނައާއި ހަތަރުކަޅިހަމަކުރަން ރަޒީއާ މަޖުބޫރުކުރިއެވެ. އެއަށްފަހު ފުން ނަޒަރަކުން ސިމްރާއަށް ރަޒީއާ ބަލައިލިއެވެ. ސިމްރާ ކޮށްފައި ހުރި އާދައިގެ މޭކަޕް ރަޒީއާއަށް ކަމަކު ނުދިޔައެވެ. އެކިއެކި ކަންކަމަށް ފާޑުކިޔެވެ. އެއީ ރަޒީއާގެ އާދައެކެވެ. އޭނައަކީ ހުރިހާ ކަމެއް ''ޕާފެކްޓް''ކުރަން ފޯރި ހުންނަ މީހެވެ. ބުރުސޫރައާއި ރީތިކަމަކީ އަންހެންކުއްޖަކަށް ލިބޭނެ އެންމެ ފުރިހަމަ ހަތިޔާރެވެ. ރަޒީއާ ދެކޭ ގޮތުގައި ބުރުސޫރަ ދަމަހައްޓަން ޖެހޭނެއެވެ. ޚުދު ރަޒީއާއަކީ ވެސް އެކަމަށް މަރުދޭ މީހެކެވެ. ލައި އުޅެނީ އެންމެ ފަހުގެ ބްރޭންޑެޑް ހެދުމެވެ. ހަފްތާއަކު ތިން ފަހަރު ސެލޫންއަށް ދެއެވެ. އިސްތަށިގަނޑު އޮންނަނީ ޒަމާނީ ޓްރެޑްތަކަށް ކޮށައި ކުލަ ޖައްސާފައެވެ. ލައި އުޅޭ ހެދުމާއި، އަރާ ފައިވާނުން ފެށިގެން ގޮސް އަތްދަބަހުން މުއްސަނދިކަން އިޝްތިހާރުކުރަން ރަޒީއާ ބޭނުންވެއެވެ. އޭނަގެ އެލޯބި ސިމްރާއަށް ވާރުތަނުވުމުން ރަޒީއާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
''އާރިޒް ވީ ކޮޓަރީގަދޯ؟...'' ސިމްރާ އުޅުނީ އެތަނުން ދާށެވެ. ބަހަނާއެއް ދައްކާލަމުން އަވަސްއަވަހަށް ދާން ހިނގައިގަތެވެ. އާރިޒްއާކީ ސިމްރާގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.
ސިމްރާ ދިޔަ މަންޒަރު ބަލަން ރަޒީއާ ހުރީ ހަށަން ބަނދެގެންނެވެ. މޫނު އިންތިހާއަށް ބަނައެވެ.
''މެޑަމް...'' ހާދިމަކު ގޮވާލިއެވެ.
''ވަޓް!...'' ރަޒީއާ ބަލައިލީ ދެލޯއަޅަމުންނެވެ. އެއާއެކު މާހައުލަށް ވެރިވީ މަރުގެ ހިމޭންކަމެވެ. އެންމެން ތިބީ ރަޒީއާ ދެކެ ބިރުންނެވެ.
*****
އާރިޒްގެ ކޮޓަރީގެ ދޮރުގައި ސިމްރާ ޓަކި ޖަހާލިއެވެ. އިރުކޮޅެއް ފަހުން އެތެރެއަށް ވަނުމުގެ ހުއްދަ އާރިޒް ދިނެވެ. ސިމްރާއަށް ހެވުނެވެ. އާރިޒް އުޅޭނީ ގޭމްކުޅުމާއިގެންކަން އޭނައަށް ޔަޤީން ކުރެވުނެވެ.
''ގެސް ހޫޒް ހިއާރ!...'' ގޭމިންގް ޗެއާރގައި އިން އާރިޒް ފެނުމުން އުފާވެރިކަމުގެ ހިނިތުންވުމެއް ސިމްރާގެ ތުންފަތަށް ވެރިވިއެވެ. ހަމަ އެވަގުތު މޭގައި އުފެދިގެން އައި މޮޅިވެރިކަމުގެ އަސަރުތަކުން ހިނިތުންވުން ފަނޑުކޮށްލިއެވެ. އާރިޒްއާއެކު ހޭދަކުރަން ލިބޭ ވަގުތުތައް މަދުވާތީ ސިމްރާ ދެރަވެއެވެ. އޭނަގެ ގާތަށް އާރިޒް ގެންނަން ސިމްރާ ބޭނުންވެއެވެ. އެކަމުގައި ކާމިޔާބު ނުލިބެނީ ބައްޕަގެ ސަބަބުންނެވެ. މިހާރު ވެސް އޭނައާއި ބައްޕަގެ ގުޅުން އެހާމެ ގޯހެވެ. އޭނަ އިންތިޒާރުކުރަމުން އެދަނީ އާރިޒްއަށް އަށާރަ އަހަރު ފުރޭނެ ދުވަހަކަށެވެ. އެއާއެކު އާރިޒްގެ މައްޗަށް އޮތް ބައްޕަގެ ނުފޫޒާއި ބާރަށް ނިމުމެއް އަންނާނެއެވެ. ކެތްކޮށްލަން އޮތީ މަހެއްހާ ދުވަހެވެ.
''މިސްޓަރ ޖިމް ފްރީކް، ޔޯރ ރޫމް ސްޓިންކް...'' ސިމްރާ ދިމާކޮށްލިއެވެ. އުމުރުން ސަތާރަ އަހަރުގެ އާރިޒްއަކީ ސީ.އެޗް.އެސް.ސީގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ޒުވާނެކެވެ. ކިޔެވުން ނިމެން ގިނަ ދުވަހެއް ނެތެވެ. ސްކޫލްގެ އެތްލެޓިކްސް ޓީމްގައި އާރިޒްއަކީ މަޝްހޫރު ޒުވާނެކެވެ. ކޮޓަރި ތެރެއިން ފެންނަމުންދާ ކަސްރަތުކުރާ ސާމާނުތަކާ ގުޅިފައި އޮތީ ކަސްރަތަށް އޮތް ލޯތްބެވެ. ސްޓްރެސްއާއި ދުރުވުމަށް އާރިޒް ޚިޔާރުކުރި މަގަކީ އެއީ އެވެ.
ސިމްރާގެ އަޑާއެކު ކުޅެމުން ދިޔަ ގޭމް މަޑުޖައްސާލަމުން ދޮރާއި ދިމާއަށް އާރިޒް ބަލައިލިއެވެ. އާރިޒްގެ ތުންފަތަށް ވެރިވެގެން އައި ހިނިތުންވުމުން ސިމްރާގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. އުއްމީދު އާލާކޮށްދިނެވެ. އާރިޒްގެ ހިތުގައި ބުރަކަމެއް ނުވާކަން ޔަޤީންކުރެވުނެވެ.
''ދޮންތީ...'' އާރިޒް ކޮޅަށް ތެދުވިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ސިމްރާގެ ގައިގައި ބައްދާލިއެވެ. ސިމްރާއަށް ހެވުނެވެ.
ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހެންދެން ސިމްރާ އުޅުނީ އާރިޒާ އެކުގައެވެ. އާރިޒާއެކު ގޭމް ކުޅުމުގައެވެ. ދެބެއިން ނުލާހިކު ފޯރީގައި ''މޯޓަލް ކޮމްބެޓް'' ކުޅެމުން ދިޔަ އެވެ. ކޮންމެ މެޗެއްގައި ކާމިޔާބު ލިބެނީ ސިމްރާ އަށެވެ. އެކަމާ ގުޅިގެން އާރިޒާއި ސިމްރާ ދިމާކުރިއެވެ. އޭރު ދުވަހު ވަރުބަލިކަމާއި، މާޔޫސްކަމައި އުދާސްކަން ފިލާ ގޮސްފިއެވެ. އުފާވެރިކަމުގެ ނޫރު އެދެލޮލުން ފާޅުވިއެވެ. އާރިޒާއެކު ހޭދަކޮށްލަން ލިބޭން ކޮންމެ ވަގުތަކާއެކު ސިމްރާއަށް ހަމަޖެހުން ގެނެސްދިނެވެ. ނަމަވެސް އެވަގުތު އިތުރަށް ދިގުލައިގެންދަ ގޮތެއް ނުވިއެވެ. ކެއުން ތައްޔާރުކުރެވިއްޖެކަމުގެ ޚަބަރު ހިފައިގެން އައި ޚާދިމްކުއްޖާގެ ފަހަތުން ސިމްރާއާއި އާރިޒް ހިނގައިގަތެވެ. ކޮޓަރިން ނިކުތުމާއެކު އާރިޒް ހިމޭންވިކަން ސިމްރާއަށް ފާހަގަކުރެވުނެވެ. ކުރިން ފެނުނު އުފާވެރިކަމުގެ ނޫރު ފަނޑުވެ ނުތަނަސްކަމުން ވަށާލި ކަހަލައެވެ. އެބަދަލު ފެނި ސިމްރާގެ ހިތަށް އުނދަގޫވިއެވެ. އެހުރިހާ ކަމަކާ ގުޅިފައި އޮތް ސަބަބު އެނގޭތީއެވެ.
ކާކޮޓަރިއަށް ވަނުމާއެކު ބަދަލުވީ ހަމައެކަނި އާރިޒްގެ މޫޑެއް ނޫނެވެ. ކާމޭޒުގެ ކުރީ ގޮނޑީގައި އިން ބައްޕަގެ ނަޒަރު އޭނައަށް ހުއްޓިފައިވާތަން ފެނި ސިމްރާ ފިނިވެއްޖެއެވެ. އިންޒާރުގެ ރަނގަބީލެއް ކަންފަތުގައި ގުގުމައިގަތެވެ.
(ނުނިމޭ)
ލޯބިން ބޭނުމޭ
ކޮމެންޓް