މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ސެގްމަންޓް އެކެއްގެ މަސައްކަތުގެ ކުއޭ ވޯލް ކެޕިން ކޮންކްރީޓްގެ 100 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ.

އެމްޓީސީސީން މިއަދު ބުނީ ބޮޑުތަކުރުފާނު އުތުރު ފަރާތުގެ މަގު ހެދުމުގެ މަޝްރޫއުގެ ކެރިއޭޖްވޭގެ މަސައްކަތުގެ ސެގްމަންޓް އެކެއްގެ ސަބްގްރޭޑް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޑްރެއިނޭޖް ސިސްޓަމްގެ ކޮމްޕޯނެންޓްތައް ޑެލިވަރީ ކުރުމާއި އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ. މި އިންގިލާބީ މަޝްރޫއުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށް މަގު ފަހިވެގެންދާނެ. މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ، ބޯކޮށް ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވުން ހުއްޓުވައި، މަގު ބޭނުންކުރާ މީހުންނަށް ރައްކާތެރި އިންފްރާސްޓްރަކްޗާ ފޯރުކޮށްދެވޭނެ،" އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
  • 830 މީޓަރުގެ މަގުގައި ތާރު އެޅުން. (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
  • ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
  • ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.