ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ މެޗުތައް ގައުމުން ބޭރުގައި ހޯސްޓް ކުރުމަކީ ފުޓުބޯޅަ ހަލާކުވެދާނެ ކަމެއް ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން ވިދާޅުވެއްޖެއެވެ.
ޗެފެރިން އެހެން ވިދާޅުވެފައި ވަނީ ލަ ލީގާގެ އިތުރުން ސެރެއާ އޭގެ މެޗެއްވެސް ގައުމުން ބޭރުގައި ހޯސްޓް ކުރުމަށް ދާދިފަހުން ޔޫއެފާއިން ދިން ހުއްދައާ ގުޅިގެންނެވެ.
ޔޫއެފާއިން ގައުމުން ބޭރުގައި ކުޅެން ހުއްދަ ދިނީ ލަ ލީގާގައި ބާސެލޯނާއިން ވިލަރެއާލާ ދެކޮޅަށް ޑިސެމްބަރު މަހު ކުޅެން އޮތް މެޗާއި، އޭސީ މިލާނުން އަންނަ އަހަރު ފެބްރުއަރީ މަހު ކޯމޯއާ ދެކޮޅަށް އޮތް ލީގު މެޗަށެވެ. އެ ހުއްދަ ޔޫއެފާއިން ދިނީ ދެބަސްވުންތަކަކާއެކުގައި ކަމަށްވެސް ނޫސްތައް ބުނެއެވެ.
"ފުޓުބޯޅައަކީ ހަމައެކަނި ވިޔަފާރި ނަފާ ހޯދައިގެން، ފައިސާގެ ފައިދާއަށް ކުޅޭ ކުޅިވަރެއް ނޫން. އަދި އެއީ ހަމައެކަނި މުނިފޫހިފިލުވުމެއްވެސް ނޫން. އެއީ ކޮމިއުނިޓީ ކުޅިވަރެއް. އެއީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކުޅިވަރެއް. ފުޓުބޯޅައިގެ ރަސްމީ ރޫޓްތަކުން އެ ކުޅިވަރު ދުރަށް ޖެހޭނަމަ، މުޅި ނިޒާމު ފުނޑުފުނޑުވެ ހަލާކުވެދާނެ،" ޗެފެރިން ވިދާޅުވިއެވެ.
ޗެފެރިން ބުނީ ޔޫރަޕަށް މިހާރު އޮތީ ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ބައިބައިވުންތަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި، އެކަންކަމުގެ ތެރެއިން ގުޅުން ބަދަހިކޮށްދޭ އެކެއްޗަކީ ފުޓުބޯޅަ ކަމަށެވެ. އެ މަގުސަދު ފުޓުބޯޅައިން ގެއްލިގެން ދިޔަ ނުދީ ހިފަހައްޓަން ޖެހޭ ކަމަށްވެސް ޗެފެރިން ބުންޏެވެ.
ޔޫއެފާއިން ބުނީ ލީގު މެޗުތައް ގައުމުން ބޭރުގައި ހޯސްޓް ކުރުމާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި ސަޕޯޓަރުންގެ ހިޔާލު ހޯދަމުންދާ ކަމަށާއި، އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
ޔޫއެފާއިން ނިންމުން ނިންމާފައި އޮތް ނަމަވެސް، ފީފާއިން އަދި އެކަމަށް ހުއްދަ ދީފައެއް ނުވެއެވެ. ލީގު މެޗުތައް ގައުމުން ބޭރުގައި ކުޅުމުގެ ސަބަބުން ކުރިމަތިވެދާނެ ކަންކަން ދިރާސާ ކުރުމަށް، ފީފާއިން މިދިޔަ އަހަރުން ފެށިގެން ވޯކިން ގްރޫޕެއްގެ މަސައްކަތް ކުރަމުން ދެއެވެ.
ޔޫއެފާ
ޔޫއެފާ
ޔޫއެފާ
ޔޫއެފާ