އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ މެދު، އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓު، މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ މެދު އައްޑޫ ސިޓީ ހުޅުދޫއާއި މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހޯމަ ދުވަހު ގަރާރެއް ނެރުއްވައިފައެވެ.
އެ ގަރާރާ ގުޅިގެން އީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުދޫއާއި މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން މިމަހުގެ 25 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގައި ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.
އީސީން ބުނީ ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށް އީސީން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ މެދު ހުޅުދޫއާއި މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓަށް، އީސީން މިހާރު ވަނީ އޮފިޝަލުން ހޯދުމަށް ވެސް އިއުލާންކޮށްފައެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން އެ ވޯޓު ނަގަނީ، އައްޑޫ ސިޓީ ކައުންސިލު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ނަމުގައި ކައުންސިލުތަކެއް އުފައްދަން ފެނޭތޯ ބެލުމަށާއި، ހުޅުދޫ އާއި މީދޫ އެއް ކައުންސިލުގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލު އުފައްދަން ފެނޭތޯ ބެލުމަށެވެ.
އެ ވޯޓާ ގުޅޭގޮތުން ރައީސް އެކްސްގައި މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ، މީދޫގައި ނަގާ އާންމު ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ވެސް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން