ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ގދ. މަޑަވެލި، މޭނާ، މަހާޒް އަލީ ޒާހިރު ކަޓުވާލުމަށްފަހު، އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ އާއި ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން އެންމެ ގިނަ މާކްްސް ލިބިވަޑައިގަތީ ވެސް ރައީސް އިސްކަންދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ މަހާޒަށެވެ.

ނަަމވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަހާޒް ފަނޑިޔާރުކަމުން ވަކިކުރީ، މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ޓްރައިބިއުނަލަށް ދެ މެންބަރުން އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ކޮމިޓީން މާކްސް ދިން ގޮތް

  • މަހާޒް އަލީ ޒާހިރު، ގދ. މަޑަވެލި، މޭނާ - 97 ޕަސެންޓް
  • އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުޅާދޫ - 91 ޕަސެންޓް
  • ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ - 83 ޕަސެންޓް
  • އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ - 80 ޕަސެންޓް
  • ފާތިމަތު ނައުޝާން، ފިޔާތޮށިގެ، ޅ. ނައިފަރު - 71 ޕަސެންޓް
  • ކޮމިޓީއަށް ހަތް ބޭފުޅުންގެ ލިސްޓެއް ފޮނުއްވާފައިވާ އިރު، އޭގެ ތެެރެއިން އާޝިއާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުދުއްފާރު، އާއި ޝިފާޒް އަލީ، ދަފްތަރު ރސ. 12854، އަށް މާކުހެއް ދީފައެއް ނުވެއެވެ.

ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓްގައި ވަނީ އެ އިންޓަވިއުތަކުން 75 މާކުހަށްވުރެ މަތިީން ލިބުނު ބޭފުޅުންގެ ތެެރެއިން ޓްރައިބިއުނަލަށް އައްޔަން ކުރަން ފެންނަ ދެ ބޭފުޅަކަށް މަޖިލީހުގެ ރުހުން އޮތް ކަމަށް މަޖިލިސް ތަޅުމުން ފާސްކުރަން އެދިފައެވެ.

އެގޮތުން ފުރަތަމަ ވޯޓަށް އެއްސެވީ މަހާޒުގެ ނަމަށެެވެ. މަހާޒަށް ރުހުން ދޭން ފާސްކުރަން ވޯޓު ދެއްވީ، އެ ވަގުތު ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެެރެއިން އެންމެ ހަތަރު މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ޕީއެންސީގެ ދެ މެންބަރުން ކަަމަށްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް އާއި އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ. މަހާޒްގެނަން ފާސް ނުކުރަން 41 މެންބަރުން ވޯޓު ދެއްވިއެވެ. އެ ނަން ފާސްކުރަން 23 ވޯޓު ބޭނުންވެއެވެ،

ދެން މަޖިލީހުގެ އެއްސެވީ، ދެވަނައަށް އެންމެ ގިނަ މާކްސް ލިބުނު އަފީފް އާއި ޝައުފާގެ ނަމަށެވެ. ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެެރެއިން 53 މެންބަރުން އަފީފަށް ވޯޓު ދިން އިރު ޝައުފާއަށް 54 މެންބަރުން ވޯޓު ދެއްވިއެވެ.

މި ދެބޭފުޅުންގެ ނަން ފާސްކުރުމުން އިތުރު މެންބަރެއްގެ ނަމަށް ވޯޓަކަށް ނާހައެވެ.