އަންނަ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓް ކުޑަކުރަން ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، އޮޑިޓް އޮފީހުން ހުށަހެޅި ގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ގާނޫނުއަސާސީ ބުނާގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަނީ ދައުލަތުގެ ބަޖެޓާ ވަކިން އެ ބަޖެޓްގެ ކުރިންނެވެ.

އެގޮތުން އަންނަ އަހަރަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ.

އެބަޖެޓާ ބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބަޖެޓާ ބެހޭގޮތުން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ހިމެނޭ މައުލޫމާތުތައް އިދާރީ މޭޒުން ކޮމިޓީއާ ހިއްސާކުރިއެވެ.

އެ ސީޓިގައި ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައި ވަނީ 9.2 މިލިޔަން ރުފިޔާއާ އުނިވާނެގޮތަށް އެކި ދިމާލުން ހަރަދުތަށް ކުޑަކުރުމަށެވެ.

އެގޮތަށް ހަރަދުތައް ކުޑަކުރާނެ ދާއިރާތުގެ ތެރޭގައި، އޯވަ ޓައިމްގެ ފައިސާ އާއި ދަތުރު ފަތުރުގެ ހަރަދާއި އޮފީސް ބޭނުމަށް ހޯދާ ތަކެއްޗާއި ތަމްރީން ޕްރޮގްރާމް ތަކުންނާއި މަރާމާތާއި ހަރުމުދަލުގެ ބައި ހިމެނެއެވެ.

ނަމަވެސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދުއަބްދުﷲ ތާއީދު ކުރައްވައިގެން 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮޑިޓާ ޖެެނެރަލްގެ އޮފީހަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެއީ ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ތިން މިލިޔަން ރުފިޔާ ހިމަނައި، އޮޑިޓް އޮފީހުގެ އާ އިމާރާތައް ޕީއެސްއައިޕީގައި ހިމެނޭ 41.5 މިލިޔަން ރުފިޔާ ހިމަނައިގެންނެވެ.