މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު (21އ)، ވެއްޓުނު މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި މިހާރު ކުރިއަށްދަނީ ހ. މާއިރާއިން، ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ، 21އ، އާ ބައްދަލުވި ފަރާތްތަކާ ސުވާލު ކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޔުމްނު ރަޝީދުގެ މައްސަލައިގައި އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަމުންދޭ ތޯ އާއި އެ ތަހުގީގު މިހާރު ގޮސްފައި އޮތް ހިސާބު އޮޅުން ފިލުވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިއުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި އެ މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގ. އެރިޔަދޫ ދާވޫދު އަހުމަދާ ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.

ދާއޫދަކީ ޔުމްނު ވެއްޓުނު މައްސަލައިގައި ތުހުމަތު ކުރެވުނު ރައުދު އަހުމަދުގެ ބޭބެއެވެ.

ޔުމްނު ވެއްޓުނު މައްސަލައިގައި އޭނާ އާއެކު އެންމެ ފަހުން އުޅުނު ރައުދު އަހްމަދު ޒިލާލް އާ އެއްވަރަށް އޭނާގެ ބޭބެ އަދި ރައީސް އޮފީހުގެ އޭރުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހުމަދުގެ އިހުމާލުވެސް އޮތް ކަމަށް ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.

އެ މައްސަލައިގައި ފުލުހުން އަދި ރިޔާސީ ކޮމިޝަނުން ވެސް ދާއޫދާ ވަނީ ސުވާލުކޮށްފައެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް، އެ މައްސަލަ ތަހުގީގު ކުރުމަށް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ ދާއޫދު ވަނީ މަގާމުން ވަކިކޮށްފައެވެ.

"މީގެ އިތުރުން ތަހުގީގުގައި މިހާރު ކުރަމުންދާ މަސައްކަތަކީ، އެ ރިޕޯޓްގައި އިތުރަށް ފާހަގަ ކޮށްފައިވާ ހ. މާއިރާއިން ރައުދު އަހުމަދާ ބައްދަލުވި އިތުރު ފަރާތްތަކާ ސުވާލުކޮށް ބަޔާން ނެގުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.