ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުން 27 ބިލެއް ހުށަހަޅާނެ ކަމަށާއި އޭގެ ތެރެއިން ހަ ބިލަކީ ކޮރަޕްޝަނާ ގުޅޭ ބިލުތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ 27 ބިލުގެ ތެރޭގައި މުޅިން އަލަށް ގެންނަ 12 ބިލެއް ހިމެނޭ ކަމަށާއި އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ވެސް ހިމެނޭ ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މި ހުށަހަޅާ 27 ބިލުގެ ތެރޭގައި މިކަމަށް [ކޮރަޕްޝަނަށް] އެޑްރެސްކުރަން އަޅުގަނޑުމެން އެބަ ހުށަހަޅަން ހަ ބިލެއް. މި ކޮރަޕްޝަންގެ މައްސަލަ ހައްލުކުރުމުގައި މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން ހުރި ހުރަސްތައް ނައްތާލައި، މިކަން ހަގީގީ މާނައިގައި ރާއްޖޭގެ ނިޒާމުގެ ތެރެއިން އިރޭޑިކޭޓް ކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް އަޅުގަނޑުމެން މި އިސްލާހުތައް މި ގެންނަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަކީ ހަމައެކަނި ގާނޫނު އިސްލާހުކޮށްގެންވާ ކަމެއް ނޫން ކަމަށާއި އެކަމުގައި ހުރިހާ ރައްޔިތުންނާއި ވަޒީފާތަކުގެ އެކި ލެވަލްތަކުގައި ތިބި މީހުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވާނީ، ކޮންމެ މީހަކުވެސް އަމިއްލައަށް ފުރަތަމަ އެކަމާ ދުރުވާން ނިންމައިގެން ކަމަށް އެ މަނިކުފާޏު ވިދާޅުވިއެވެ.
"އެހެންނަމަވެސް ގާނޫނުތައް ވަރުގަދަކުރަން، މިކަމުގެ ނިޒާމު ވަރުގަދަކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް. އެހެންވީމާ އެގޮތުން އެއް އިސްލާހަކީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކެއް. މިހާރު އޮންނަ ގާނޫނުގެ ތެރެއިން ދެމިގަންނަ ފަރާތްތައް އެބަތިބި. އެހެންވީމާ އެކަން ހުއްޓުވުމަށްޓަކައި އިސްލާހު ގެންނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހުގެ އިތުރުން މުޅިން އަލަށް އެސެޓް ރިކަވަރީ ބިލެއް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މީގެ ކުރިން ބޮޑެތި އަދަދުތަކުން ވައްކަންކޮށް، ރައްޔިތުންގެ ފައިސާ އާއި މުދާ ފޮރުވާފައި ތިބި ފަރާތްތައް ތިބި ނަމަވެސް، އެ ހޯދޭނެ ގޮތެއް މިހާތަނަށް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ އެސެޓް ރިކަވަރީ ބިލެއް އެބަ ހުށަހަޅަން. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވެސް އިސްލާހުތަކެއް އެބަ ހުށަހަޅަން، މިކަން ހުއްޓުވުމަށްޓަކައި މުހިންމު ކުރިއެރުންތަކެއް އަޅުގަނޑުމެން ގެނައުމަށްޓަކައި. ހަމަ އޭގެ އިތުރަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ވެސް އެބަޖެހޭ އިސްލާހުތަކެއް ގެންނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާނޫނަށާއި ގާނޫނުލްއުގޫބާތަށް ވެސް އިސްލާހުތަކެއް ހުށަހަޅާ ކަމަށާއި ގާނޫނުލްއުގޫބާތަށް ގެންނަ އިސްލާހުން ޖުޑީޝަރީ، އޭސީސީ، ފުލުހުން، ޕީޖީއަށް ވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ގާނޫނީ ނިޒާމުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅައި، މި ރާއްޖޭގައި ކޮރަޕްޝަންގެ އަމަލަށް ރަނގަޅު ހައްލެއް ގެނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު