ސޯޝަލް މީޑިއާގައި ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން އެމްޑީޕީ ގައުމީ މަޖިލިސް މެންބަރެއްގެ ފޯނު ހިފަހައްޓައިފިއެވެ.
އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވަނީ، އެމްޑީޕީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނެވެ.
މިދިޔަ ހޮނިހިރު ދުވަހު ޒާޔާގެ ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ވަނީ، "17 ނޮވެންބަރަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔަަރުކުރަން ފަށައިފިން. ހަމަ ޖެހީ، ޖެހީ،" ކަމަށެވެ.
އެ ޕޯސްޓާ ގުޅިގެން ޒާޔާގެ ފޯނު ހިފެހެއްޓުމަށް ކުރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގެ ބޭނުމެއްގެ ގޮތުގައި ވަނީ، "ޒާޔާ ފާތިމަތު"ގެ ނަމުގައި ހިންގަމުންދާ އެކައުންޓަކުން ދިވެހި ފުލުހުންނަށް އިންޒާރުދީފައިވާ މައްސަލައާ ގުޅިގެން ހެކި ގަރީނާ ހޯދުމަށް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުން ގާނޫނާ ހިލާފަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށްބުނެ، އެ ޕާޓީގެ މެންބަރުން ދަނީ ފުލުހުންނަށް ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. ފުލުސް އޮފިސަރުންނަށް ސޯޝަލް މީޑިއާގައި އިންޒާރުދެމުންދާ ކަމަށްބުނެ، ފުލުހުން ވެސް ވަނީ އިއްޔެ އިންޒާރުގެ ބަޔާނެއް ނެރެފައެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގަން ފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރި ކުރުމުގައި ހަރަކާތްތެރިވާ ވަކިވަކި ފުލުހުންނާއި އެ ފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މައުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭގޮތަށާއި އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު މި ހިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ." ފުލުހުންގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ހަ މީހަކު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައެވެ. އޭގެ ތެރޭގައި ކުރީގެ ދެ މަޖިލިސް މެންބަރުން ކަމަށްވާ ޔައުގޫބު އަބްދުﷲ އާއި ޔާސިރު އަބްދުއްލަތީފް ހިމެނެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް