މިހާރު ކުރަމުންދާ ސާވޭ ނިމުމުން ރާއްޖޭގެ އެކި ހިސާބުގައި ބޭނުންކުރާ މަސްތުވާތަކެއްޗީގެ ބާވަތްތަކާއި އެ ތަކެތި ބޭނުންކުރާ ގޮތް އެނގޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، ލިޔުުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަނުންނެވެ.

މިނިސްޓަރާ މެންބަރު ހަތަރު ސުވާލެއް ކުރައްވާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ، ޑްރަގާބެހޭ ދިރާސާގެ ކަންތައް ކުރިއަށްދާ ގޮތާއި ޑްރަގްގެ މައްސަލަތައް ކުރިމަތިވެފައިވާ ސަރަހައްދުތައް ދެނެގަތުމަށް ކުރާ ސާވޭ ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު ހޯދުމެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޑްރަގް ޕްރިވެލެންސް ސާވޭ އެއް ކުރުމަށްޓަކައި މަސްކަތް ކުރަމުންދާ ކަމަށާއި މިސާވޭ ހެދުމަށްޓަކައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، ފުލުހުންނާއި ނެޝަނަލް ޑްރަގް އެޖެންސީ އާއި ޑްރަގް ކޯޓުުން ޕްރައިމަރީ ޑޭޓާ މެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސާވޭ ހެދުމަށްޓަކައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމަށް އެދިފައިވާ ކަމަށާއި ނެޝަނަލް ޔުނިވާސިޓީއާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕާޓީ ޑްރަގްސް ގިނަވެ، ޓީބީ، ހެޕަޓައިޓިސްބީ، އެއިޑްސް ފަދަ ކޭސްތައް މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ ފަރާތުން ފެތުރުމުގެ ބިރު އޮތް ކަމަށް އަމިއްލަ އެންޖީއޯ އަކުން ކުރި ދިރާސާ އަކުން ދައްކާ އިރު، މިހާރު ބޭނުން ކުރަނީ ކޮން ބާވަތެއްގެ ޑްރަގެއްކަން އެންގޭތޯ، ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ޑްރަގް ބޭނުންކުރާ މީހުންނަކީ ސިއްހީ ނުރަނގަޅު އާދަކާދަތައް އަށަގެންފައިވާ ބަޔަކަށްވާތީ ގައިންގަޔަށް އަރާ ބަލިތަކާއި އެނޫންވެސް ބަލިތައް އެމީހުންގެ ސަބަބުން ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މިފަަދަ ބަލި މީހުން ދެނެގަނެވުމާއެކު އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގެ އެހީތެރިކަމާއެކު އެމީހުންގެ އާއިލާތަކާ ގުޅިގެން ނެޝަލަ ޑްރަގް އެޖެންސީން ދަނީ އެފަދަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުން މިފަދަ މީހުންނަށް ފަރުވާދިނުމަށްޓަކައި ނެޝަނަލް ޑްރަގްއެޖެންސީން ގެންގުޅޭ ސިޔާސަތަކީ މިފަދަ މީހުންގެ ސައިކޭޓިކް އިވެލުވޭޝަން ހަދައި ސައިކޭޓިކް ފަރުވާއާ އެކު ސިމްތަމެޓިކް މެޑިކަލް ޓްރީޓްމަންޓްގެ ގޮތުގައި ދޭންޖެހޭ ފަރުވާއާއާއެކު ޓްރީޓްމެންޓް ޕަލޭނެއް ހަދައި، އެ ޕްލޭނާއެއްގޮތަށް ފަރުވާދެމުން ގެންދިއުން،"

މިނިސްޓަރު ވިދާޅުވީ، ކަމާބެހޭ ދިސާރާ ކުރުމަށްޓަކައި، ޕާޓީ ޑްރަގްސް ބޭނުން ކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށް ޑޭޓާ ކަލެކްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

އެގޮތުން މަސްތުވާތަކެއްޗަށް ފަރުވާދިނުމުގެ ގޮތުން ޑްރަގް އެޖެންސީން ހަދާ އެސެސްމެންޓްތަކުންނާއި ޓެސްޓް ކުރެވޭ ކުޑަކަމުދާ ތަކެތީގެ ރިޕޯޓްތަކާއި ފުލުހުންގެ ބެލުމުގެދަަށް ގެންދާ ފަރާތްތަކުގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކޮށްގެން ލިބޭ ރިޕޯޓްތައް އެޖެންސީއާ ހިއްސާކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެޖެންސީއަށް ދެނެގަނެވޭ އަދި މިހާރު ކުރިއަށްދާ ޑްރަގް ޕްރިވެލެންސް ސާވޭ ނިމުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި މަސްތުވާތަކެތި ބޭނުންކުރެވޭގޮތުގެ ފުރިހަމަ އުލޫމާތު ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.