ދެކުނު އޭޝިއާ ފުޓްބޯޅަ ފެޑަރޭޝަން (ސާފް) އިން ބާއްވަން ތައްޔާރުވެފައިވާ ފުރަތަމަ ފުޓްސަލް މުބާރާތް އަންނަ ޖެނުއަރީ މަހު ތައިލެންޑްގައި ބާއްވަން ނިންމައިފިއެވެ.
ސާފުން އިސްނަގައިގެން ސަރަހައްދީ ގައުމުތަކަށް ބާއްވާ ފުޓްސަލް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. ސާފުން ދާދިފަހުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އޮތް ގޮތުން އަންހެން އަދި ފިރިހެން މުބާރާތްވެސް ކުރިއަށް ގެންދާނީ ތައިލެންޑްގައި ކަމަށެވެ. އެއީ ޖެނުއަރީ 13 އިން 26 އަށެވެ.
ސާފުން ބުނީ ފުޓްސަލް މުބާރާތް ކުރިއަށްދާ އިރު، އެ މުބާރާތުގެ ތެރެއިން ރެފްރީންނާއި ކޯޗުން ބިނާކުރުމުގެ ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެކަމަށް ސަމާލުކަން ދޭ ސަބަބެއްގެ ގޮތުގައި ސާފުން ފާހަގަކުރީ، މި ސަރަހައްދުގެ ގައުމުތަކުން ފުޓްސަލްގައި ހޯދާ ކުރިއެރުންތައް އިތުރުކުރުމެވެ.
ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޮތަމް ކަޓޭލް ވިދާޅުވީ ފީފާ ހުރިހާ މެމްބަރު ގައުމުތަކަކުންވެސް ފުޓްސަލްއާއި ބީޗް ސޮކާއަށް މިހާރު ސަމާލުކަން ދޭ މިންވަރު އިތުރުވަމުންދާ އިރު، ދެކުނު އޭޝިއާ ގައުމުތަކުން އަދި އެ މަންޒަރު ނުފެންނަ ކަމަށެވެ. ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ ގައުމުތަކާ އަރާ ހަމަކުރަން ދެކުނު އޭޝިއާއަށްވެސް ޖެހޭ ކަމަށާއި، ފުޓްސަލްއާއި ބީޗް ސޮކާގައިވެސް އެ ފަރަގު ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ސާފުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އާ މުބާރާތާއެކު މި ރީޖަންގައި ފުޓްސަލްއަށް ކުރާ މަސައްކަތް އިތުރުވާނެ ކަމަށާއި، ޕްރޮފެޝަނަލް ގޮތެއްގައި ކުޅިވަރު ކުރިއަރުވަން އިތުރު ކަންތައްތަކެއް ރާވާނެ ކަމަށެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް