ގާނޫނުއަސާސީން އުފައްދާފައިވާ މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތައް ފުރަމުންދާ މީހުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން އެންގުމުގެ ބާރު އޮޑިޓާ ޖެނެރަލަށް ދޭގޮތަށް އޮޑިޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެންނަން ފޮނުވައިފިއެވެ.
މި ބިލު މަޖިލީހަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ އެެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމެވެ. މެންބަރު ބިލުގައި ހިމަނާފައިވަނީ، އޮޑިޓް ގާނޫނުގެ ނުވަވަނަ މާއްދާގެ (މ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.
ގާނޫނުއަސާސީން އުފައްދާފައިވާ މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި، މުސްތަގިއްލު މަގާމުތައް ފުރަމުންދާ މީހުންގެ އިތުރުން އެ އިސްލާހުގައި ހިމެނޭގޮތުން، ގާނޫނަކުން އުފައްދާފައިވާ އިދާރާތަކާއި، އޮފީސްތަކާއި، އެޖެންސީތަކުގެ އިސް މަގާމުތައް އަަދާކުރަމުންދާ މީހުންނާއި، ގާނޫނަކުން އުފައްދާފައިވާ ވަކިވަކި މިނިވަން މުސްތަގިއްލު މަގާމުތައް ފުރަމުންދާ މީހުންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމުގެ ބާރު އޮޑިޓާ ޖެނެރަލަށް ދިނުމަށްވެސް ހުށަހަޅާފައިވެއެވެ.
އެ ބަޔާން ބަލައިގަތުމުގެ އިތުރުން، އެ ބަޔާންތައް އާންމުކޮށް ޝާއިއުކުރުމަށްވެސް މި އިސްލާހުގައި އޮޑިޓާ ޖެނެރަލަށް ވަނީ ލާޒިމުކޮށްފައެވެ.
ބަޔާން ހުށަަޅަންޖެހޭނެ ކަމަށް ބިލުގައި ވަނީ އެ ފަރާތެއް މަގާމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހަށެވެ.
އެ އެއް އަހަރުގެ މުއްދަތު ގުނައި ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި، އިންސްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ފާއިތުވި އަހަރުގެ ބަޔާން ހުށަހަޅަން އެ ފަރާތްތަކަށް އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މަސްއޫލިއްޔަތާ ހަވާލުވި އިރު، އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ އާއި ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެގޮތުން މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް އެ މީހަކު އެ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަަހަޅަން އެންގުމަށްވެސް ހިމަނާފައިވެއެވެ. އަދި އޮޑިޓާ ޖެނެރަލްގެ އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާއިން ޖޫރިނާކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ކުށް
ކުށް
އެމެރިކާ