އދ. ފެންފުށީ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފެންފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި ފެންފުށީ ކައުންސިލު މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، 1220 މީހުންގެ އާބާދީއެއް އޮންނަ ފެންފުށީގައި ކުނި މެނޭޖުކުރާނެ މަރުކަޒެއް ގާއިމުވެގެން ދިއުމަކީ، ރަށުގައި އިތުރުވަމުންދާ ކުނީގެ މައްސަލަ ހައްލުވެ، ރަށް ސާފުތާހިރުވެ، ބޭރުން އަންނަ ފަތުރުވެރިންނާއި މެހެމާނުންނަށް އެކަމުން ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

ފެންފުށީ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި އޮފީސް އިމާރާތް ރެނޮވޭޓް ކުރުމާއި، ނުރައްކާތެރި ކުނި ރައްކާކުރާނެ ތަނެއް ގާއިމުކުރުމާއި، ވެއާ ހައުސްއެއް ގާއިމުކުރުމާއި، ލޭންޑް ސްކޭޕިން މަސައްކަތްތަކާއި، ވަށާ ފާރު ރޭނުމުގެ މަސައްކަތްކުރާނެއެވެ. އެއީ 1.17 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.