އދ. ދިއްދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްްކަތް ފަށައިފިއެވެ.

އެމްޓީސީސީން ދިއްދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްްކަތް ފެށީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ދިއްދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މުސާ ޒަމީރުއެވެ.

ދިއްދޫގައި ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ އަމަލީ މަސައްްކަތް އެމްޓީސީސީއާ ހަވާލުކުރީ 12.03 މިލިއަން ރުފިޔާއަށް 270 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން 4600 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތްކުރުމާއި ވަށާފާރު ރޭނުމާއި އަދި ޕޯޓިކޯއެއް ހެދުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.