ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމަށް ބޭއްވި ބީޗު ސާފުކުރުމުގެ (ކޯސްޓަލް ކްލީންއަޕް އިވެންޓު) ހަރަކާތުން 2,122.7 ކިލޯގެ ކުނި ނަގާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ހުޅުމާލެ ފޭސް އެކެއް އަދި ދޭއްގެ ބީޗު ސާފުކުރުން ކުރިއަށްގެންދިޔައީ މިދިޔަ ހުުކުރު ދުވަހުއެވެ.
އެޗްޑީސީން މިއަދު ބުނީ ހުކުރު ދުވަހު ކުރިއަށްގެންދިޔަ ބީޗު ސާފުކުރުމުން އެންމެ ގިނައިން ނަގާފައިވަނީ ރީސައިކަލް ކުރެވޭނެ ޕްލާސްޓިކް ކަމަށެވެ. އެ އިވެންޓުން 252.7 ކިލޯގެ ރީސައިކަލް ކުރެވޭނެ ޕްލާސްޓިކް ނެގި ކަމަށެވެ.
އޭގެ އިތުރުން އެ އިވެންޓުގައި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އިތުރު ބާވަތްތަކުގެ 115 ކިލޯއާއި އެލްމިނިއަމް އަދި ދަގަނޑުގެ 63 ކިލޯއާއި ބިއްލޫރީގެ ގޮތުގައި 52 ކިލޯގެ ކުނި ނެގި އިރު، 1640.2 ކިލޯގެ އެހެނިހެން ކުނިތައްވެސް ނަގާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުންވެސް ކުރިއަށްގެންދިޔައެވެ.
ބީޗު ސާފުކުރުމުގެ ހަރަކާތުގައި ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތައްވެސް ސާފުކުރުން ކުރިއަށްގެންދިޔައެވެ.
ހުޅުމާލެ ސާފުކުރުމުގެ ހަރަކާތަށްފަހު، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ކަމާގުޅޭ މާހިރުންނާއެކު މަންސަ ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިޔައީ އެރޭގެ އެ ހަރަކާތުގައި އެކިއެކި އެންޖީއޯތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކުއެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ