ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ ކަމަށާއި އެގޮތަށް ގާނޫނަށް އިސްލާހު ގެންނަންޖެހޭ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި، މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި "ލޫޓުވައިލި ލޫޓުވައިލި" މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީ މެންބަރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ މުޒާހަރާއަކީ "އާދަޔާ ހިލާފު ނުރައްކާތެރި" މުޒާހަރާއެއް ކަމަށާއި، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އެ މުޒާހަރާގައި ފުލުހުންނާ ކުރިމަތިލި ކަމަށެވެ.
އެގޮތަށް ފުލުހުންނާ ކުރިމަތިލައި ވާޖިބަށް ހުރަސްއެޅުންފަދަ ކުށްތަކަށް އަރައިގަންނަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
"ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު "މައުރޫފް ޒާކިރު" އަަޅުގަނޑު ދެކުނިން ބެރިކޭޑެއް ތެރެއަށް ވަދެ އޮއްވާ، ވަދެގެން އޮވެ، ފުލުހުންނަށް ހުރަސްއެޅި މަންޒަރު،"
މަޖިލިސް މެންބަރަަކަށް ހުރެ އެފަދަ އަމަލެއް ކޮށްފިއްޔާ، މެންބަރުގެ ގޮނޑި ގެއްލޭގޮތަށް މަޖިލިސް ގަވާއިދާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަަމަށްވެސް ވިދާޅުވިއެވެ.
މިހާރު އޮންނަގޮތުން މަޖިލިސް މެންބަރެއްގެ ގޮނޑި، ޖިނާއީ ކުށެއްގެ ސަަބަބުން ގެއްލޭނީ އެ ކުށުގެ އަދަބަކަށް އެއް އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާ ހާލަތުގައެވެ. އެ ނޫން ގޮތަކަށް ގޮނޑި ގެއްލޭނީ ހޮވުނު ޕާޓީން ވަކިވުުމުނެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު