މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތް ތަރައްގީކުރުމުގެ ޕްރޮޖެކްޓްގެ ސެގްމަންޓް އެކެއްގެ މަސައްކަތުގެ ކޭ ވޯލް ކެޕިން ކޮންކްރީޓްގެ 50 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ގައެވެ.

އެކުންފުނިން އިއްޔެ ބުނީ އެ މަސައްކަތުގެ ދަށުން ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް ކުރިއަށްދާ އިރު، އައުޓްފޯލް ޕައިޕް އެޅުމުގެ މަސައްކަތް ނިމި، ޕަންޕިން ސްޓޭޝަންގެ މަސައްކަތް މިހާރު ކުރިޔަށްގެންދާ ކަމަށެވެ.

"މި އިންގިލާބީ މަޝްރޫއުގެ ސަބަބުން މާލޭގެ މަގުތައް ފަސޭހަވެ، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ މަގުތަކެއް ހެދޭނެ. މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހުން ކުޑަވެ، ބޯކޮށް ވާރޭ ވެހޭ ވަގުތުތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ މީހުންނަށް ރައްކާތެރި އިންފްރާސްޓްރަކްޗާ ފޯރުކޮށްދެވޭނެ." އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން.
  • 830 މީޓަރުގެ މަގުގައި ތާރު އެޅުން. (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް).
  • ދުވާރުތައް ހެދުމާއި އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުން.
  • ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދެއްވި މީޑިއާ ސްޓޭޓްމެންޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ޗައިނާއިން ދޭ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއަށް ކަމަށެވެ.