ނޯތު ހާބަރުން ހިދުމަތް ހޯދާ އުޅަނދުފަހަރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އެ ސަރަހައްދުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޕީއެލުން މިއަދު ބުނީ މީގެ ކުރިން އަމަލުކުރަމުން އައި ފަސް ދުވަހުގެ "ހޯލްޑް" އުސޫލު މިހާރު އުވާލާފައިވާ ކަމަށެވެ. މީގެ ކުރިން "އޭ" އަދި "ސީ" ޒޯންގެ ކިއުތަކުގައި ނޯޓުކޮށްފައިވާ އުޅަނދުތައް ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވެ ހޯލްޑް ކުރެވޭ ގޮތަށް އޮތް ނަމަވެސް، މިހާރު އެ ފުރުސަތު ވަނީ ބަންދުކޮށްފައިކަމަށް އެމްޕީއެލުން ބުންޏެވެ.

ނަމަވެސް، އުޅަނދުފަހަރު "ޕޯސްޓްޕޯން" ކުރުމުގެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް އޮންނާނެކަމަށް އެމްޕީއެލުން ބުންޏެވެ. މީގެ އިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓު ނުކުރެވޭ ގޮތަށްވެސް މިހާރު ވަނީ ހަމަޖައްސާފައިކަމަށް އެމްޕީއެލުން ބުންޏެވެ. އެގޮތުން "އޭ" ޒޯން، "ސީ" ޒޯން ނުވަތަ އެކްސްޕްރެސް ޒޯންގެ ތެރެއިން އުޅަނދަކަށް ނޯޓު ކުރެވޭނީ ކޮންމެވެސް އެއް ކިއުއެއްގައިކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލް އިން ކަނޑައަޅާފައިވާ ގޮތުގައި، "އެއް ދަތުރު" ކަމަށް ބަލާނީ ކިއުއިން ޖާގަ ލިބި، ކީވޯލަށް ކައިރިކޮށް މުދާ އެރުވުމަށްފަހު، ދައްކަންޖެހޭ ފީތައް ދައްކައި ނިންމާފައި ފުރުމުންނެވެ. އެހެންކަމުން، އެއް ދަތުރެއްގެ ތެރޭގައި އެކި ކިއުތަކުގައި ނޯޓުކޮށްގެން ހިދުމަތް ހޯދުމުގެ ފުރުސަތު ދެން ނޯންނާނެއެވެ.

އާ އުސޫލަށް މިއަންނަ އަންގާރަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އެމްޕީއެލުން ބުންޏެވެ.