މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހަަބަރު ހުސްވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ދުމުގެ އަސަރު ކުރުމުގެ ސަބަބުންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 6:35 އެހާކަންހާއިރު ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ. ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށާއި އެ އެންމެންނަކީވެސް ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގެ އިތުރު މައުލޫމާތު ދެމުން ފުލުހުން ބުނީ ހާލުދެރަވި މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން" ފުލުހުން ބުންޏެވެ.

އެފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.

ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާކަމެއްކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖެނެރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.