ނޯތު ހާބަރުގެ ޒޯން "އޭ" ((ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު)އިން ފެނާއި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިރޭ ބުނީ ނޯތު ހާބަރުގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބޭނެ ނިޒާމު ގާއިމު ކުރުމަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ މަސައްކަތް ފުރިހަމަ ކުރުމަށްފަހު، "އޭ ޒޯނުން" ފެނާއި ކަރަންޓުގެ ހިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ ހިދުމަތް މިއަދު އެންމެ ފުރަތަމަ ދީފައިވަނީ އިހައްދޫ ބޯޓަށްކަމަށް އެމްޕީއެލުން ބުންޏެވެ.

މީގެ ކުރިން ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބެއެވެ. ކުރިން އެ ހިދުމަތް ދެމުން އައީ "ބީ ޒޯން"ގެ އިތުރުން "ސީ ޒޯން"ގައެވެ.

ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ނޯތު ހާބަރު ބޭނުން ކުރާ އޮޑި ދޯނި ފަހަރަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާ ކަމެއް ކަމަށާއި މިހާރު އޭ ޒޯނުން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދޭނެވޭކަމަށް އެމްޕީއެލުން ބުންޏެވެ.

ފެން ފޯރުކޮށްދޭ 16 ޕޮޮއިންޓެއް އެ ސަރަހައްދުުުގައި ގާއިމުކޮށްފައިވާކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ސަރަހައްދުގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޕީއެލްއަށް އަންގަވާފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނު އެގޮތަށް އެންގެވީ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމެންޓް ފުރިހަމަކޮށް، މާލޭ ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމާއެކު މާލެ ނޯތު ހާބަރުގެ ހިދުމަތް ރައްޔިތުންނަށް ފުޅާކޮށްދިނުމަށެވެ.

އެހެންވެ، އެމްޕީއެލުން އެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.