އިދިކޮޅު އެމްޑީޕީގެ "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ގިނަ އަދަދެއްގެ ބައިވެރިންނާއެކު އެމްޑީޕީގެ މުޒާހަރާ މިރޭ 8:30 ގައި ފަށާފައިވަނީ އާޓިފިޝަލް ބީޗުންނެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ ވާހަކަތަކަށްފަހު، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތުމަށް ވަނީ އަންގައިފައެވެ.
މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުންނަން އުޅުމާއެކު، އެ ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށްބުނެ ފުލުހުން ވަނީ ޝީލްޑްތަކާއެކު ހުރަސް އަޅައިފައެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީޕީގެ މުޒާހަރައިގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅީ ކުރިން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް، މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެގޮތަށް އަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރުދިނުމަށްފަހު ކަމަށެވެ.
ނަމަވެސް އެކަމަށް އިޖާބަ ނުދީ، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ އެ އަމަލުތައް ހިންގި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށެވެ.
މުޒާހަރާގެ ތެރެއިން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މިހާތަނަށް ހައްޔަރުކުރި މީހުންގެ އަދަދެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިހުތިޖާޖު
އިހުތިޖާޖު
އިހުތިޖާޖު