ބިން ހިއްކުމަށް އެމްޓީސީސީން ގެންގުޅޭ އެންމެ ބޮޑު ކޮންނަބޯޓު، "މަހާޖައްރާފު" މަރާމާތުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަކުރެވިފައިވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އެމްޓީސީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މަހާޖައްރާފަށް ލިބުނު ގެއްލުންތަކެއް މަރާމާތުކުރުމަށްޓަކައި، 2022 ވަނަ އަހަރު ދުބާއީ ޑޮކްޔާޑުން ހިދުމަތް ހޯދި އިރު، މަރާމާތުކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައިވާކަން އެ ކުންފުނީގެ އިންޓާނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން، މިއީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، މި ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކޮށްދެއްވުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ރަސްމީކޮށް އެދިފައިވާކަމުގައި ހުރިހާ ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ..،" އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމާފައިވާކަން އަންގައި، މިދިޔަ ބުދަ ދުވަހު އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުންޏަކީ، ހިއްސާދާރުންގެ ކުންފުންޏަކަށްވެފައި، ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކުގައި އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ގަވަައިދުން ތަހުގީގުކޮށް، އިހުމާލުވި ފަރާތްތަކުން އެ ފައިސާ ހިއްސާދާރުންނަށް ހޯދައިދިނުމަށް އެދިފައިވާ ކަމަށާއި އެ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ މީހުން ގެނައުމަށްޓަކައި، އެ ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.