އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއަކީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށާއި އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ 8:30 ގަައި އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޭޕީގެ އެއްވެސް މެންބަރަކު އެ މުޒާހަރާގައި ބައިވެރިނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތަކީ ފާއިތުވެދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑު ދަރަނިތައް ދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން. އެއީ ފަނާކުރަނިވި މުޒާހަރާއެއް. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް. އެއްވެސް ކަމެއް މިއޮތް ބޮޑު ދަރަނިވެރި ހާލަތުގައިކޮށްދެވޭނެތީ ކުރާ ކަމެއް ނޫން. އެއީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިއަނުދީ، ވެރިކަން ހޯދަން ފިތުނަކުރަންވެގެން ކުރާ ނުބައި ކަމެއް،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހާރު ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި ދަނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް ކަމަށާއި އެ ދަރަނިތައް ނުދެއްކިއްޖެ ނަމަ، މުޅި ގައުމު ބޭންކްރަޕްޓް ވާނެ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބާކީ މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން. އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ވެސް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ބޮޑެތި ހިޔާނާތްވެފައި އެބަހުރި. އެ ސަރުކާރުތަކުން އެޅީ ކޮން ފިޔަވަޅެއްތޯ. އެއްކަމެއް ވެސް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ހިޔާނާތްތަކަށް ކުރީ ސަރުކާރުތަކުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް