ވެރިކަމުގައި ހުންނެވި އިރު، ޖަވާބުދާރީނުވެވޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ފެނަކަ ކޯޕަރޭޝަންގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ފެނަކައިގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ފާހަގަކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ދާދިފަހުން އޮޑިޓް ރިޕޯޓެއް ނެރެފައިވާ އިރު، ކޮރަޕްޝަންގެ އެ މައްސަލަތަކުގެ ޒިންމާ ރައީސް ސޯލިހު ވެސް އުފުލަން ޖެހޭނެ ކަމަށް މި ސަރުކާރުގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގައި ހުންނެވި އިރު، ކުރައްވާފައިވާ ކޮންމެ ކަމެއް، އަޅުއްވާފައިވާ ކޮންމެ ފިޔަވަޅަކަށް ކޮންމެ ތަނެއްގައި ވެސް ޖަވާބުދާރީވެވޭނެ ކަމަށެވެ.

"އޭގެ އިތުރުން ދައުލަތުގެ އަދި ރައްޔިތުންގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ޖެހިފައެއް ނޯންނާނެ. ވެރިކަމުގައި ހުރި އިރުވެސް، އަދި އޭގެ ކުރިން ވެސް. އެހެންވީމާ ފެނަކައިގެ ތި ވިދާޅުވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަހަލަ ބެނިފިޓެއް، ފައިދާއެއް، ފައިސާއެއް އަޅުގަނޑާ ހިސާބަށް އައިސްފައެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ އެއްވެސް އިރެއްގައި ސިޔާސީ ބޭނުމަށް ސަރުކާރުގެ ކުންފުންޏެއް ބޭނުންކުރައްވާފައި ނުވާނެ ކަމަށާއި އަދި އެއިން އެއްވެސް ކުންފުންޏަކަށް ނުފޫޒެއް ވެސް ފޯރުވާފައި ނުވާނެ ކަމަށެވެ.

"ކުންފުނިތައް ރަނގަޅަށް ހިންގުމަށްޓަކައި އެކައުންޓަބިލިޓީ އާއި، ޓްރާންސްޕޭރަންސީ އާއި، ފެއާނަސް އާއި، ހިއްސާދާރުންގެ ހިއްސާ އޭގައި ހިމެނޭ މީހުންގެ ބަސް އަހައިގެން ކުރިއަށްގެންދިއުމަށް ކުރަން ހުރި ކަންތައްތައް އަޅުގަނޑުމެން ކޮށްފައި ހުންނާނީ. އޭގެ ނަތީޖާ ވެސް ފެނިފައި ހުންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ފެނަކައިގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ފާހަގަކޮށް 2021 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރިޕޯޓެއް ފޮނުވި ކަމަށާއި އެ ރިޕޯޓާ ގުޅިގެން އެކަންކަން ބަލައި އިސްލާހުކުރުމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި އެކަންކަން އިސްލާހުކޮށްފައިވާކަން ވެސް ކުރިން ފެނަކައިން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ވެސް މިދިޔަ އާދީއްތަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.