ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ބުނީ މާދަމާ ފާހަގަކުރާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމަށް އެ ދުވަހުގެ ހެނދުނު އެޗްޑީސީން ކުރިއަށްގެންދާ "ކޯސްޓަލް ކްލީނަޕް" ހަރަކާތާއެކު، ތިމާވެއްޓަށް މީހުން ހޭލުންތެރިކުރުމަށް އެރޭ ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
"ކޯސްޓަލް ކްލީނަޕްއާއި މަންސަ ޕްރޮގުރާމުގެ މަގުސަދަކީ، ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން، ހުޅުމާލޭގެ މޫދު ސާފުކޮށް ބޭއްވުމެވެ. ކޯސްޓަލް ކްލީނަޕް ހަރަކާތް ފަށާނީ މާދަމާ ހެނދުނު 7:00 ގައި، ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުންނެވެ." އެޗްޑީސީން ބުންޏެވެ.
އެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުންވެސް ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފައެވެ.
ކޯސްޓަލް ކްލީނަޕް ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްތަކާއި ރިސޯޓުތައްވެސް ސާފުކުރުން މާދަމާ ކުރިއަށްގެންދަން ވަނީ ނިންމައިފައެވެ.
ހުޅުމާލެ ސާފުކުރުމުގެ ހަރަކާތަށްފަހު، ތިމާވެއްޓަށް މީހުން ހޭލުންތެރި ކުރުމަށް ކަމާގުޅޭ މާހިރުންނާއެކު ކުރިއަށްގެންދާ މަންސަ ޕެނަލް ޑިސްކަޝަން މާދަމާ ރޭ 08:45 ގައި އޮންނާނެއެވެ. އެ ހަރަކާތުގައި އެކިއެކި އެންޖީއޯތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެއެވެ.
ހުޅުމާލޭގެ މާހައުލަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑިސީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މުސްތަގުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ހާއްސަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް މިފަދަ ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ