ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ 161 މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅުންހުރި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެކުންފުންޏަށް އަންގާފައިވާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
ފެނަކައިގެ 2021-2023ގެ އޮޑިޓް ރިޕޯޓެއް އޮޑިޓް އޮފީހުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ވަނީ އާންމުކޮށްފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅައި ބަހުސެއް މިއަދު ވަނީ ފަށައިފައެވެ.
އޭސީސީން މިއަދު ބުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓްއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުގެ ތަހުގީގުކުރުމުގެ އިހުތިސާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަން ބަލައި އެ ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އޭސީސީން ފަށާފައިވާ ކަމަށެވެ.
އެގޮތުން ފެނަކަ ކޯޕަރޭޝަންގެ 161 މައްސަލަ އޭސީސީން ތަހުގީގު ކުރަމުން އަންނައިރު، އެ މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފަށާފައިވާ އިރު، 2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ ނުވަ މައްސަލައެއްގައި އެކި ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށްވެސް އޭސީސީން ބުންޏެވެ.
އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުވާކޮށް މިހާރު ވަނީ ހުކުމްކޮށްފައެވެ.
"މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް ކޮމިޝަނުން ވާނީ އަންގައިފަ،" އޭސީސީން ބުންޏެވެ.
އޭގެ އިތުރުން، ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 96 ކަމެއް އިސްލާހުކުރުމަށް، ކޮމިޝަނުން މިހާތަނަށް ވާނީ އެ ކުންފުންޏަށް އަންގާފައި ކަމަށެވެ. އެކަންކަމުގެ ތެރޭގައި، ފެނަކަ ހިންގުމާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ 49 މައްސަލަ އާއި ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 މައްސަލަ އާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ދިހަ މައްސަލަ އާއި ކުންފުނިން ބަލައި ތަހުގީގުކުރުމަށް އަށް މައްސަލަ އަދި އިތުރު ކަންކަން ހިމެނޭ ކަމަށްވެސް އޭސީސީން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ބޮޑެތި ކޮރަޕްޝަންތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ހިދުމަތާއި ތަކެތި ހޯދަން އެކި ފަރާތްތަކާ ހަވާލުކުރި 2.2 ބިލިއަން ރުފިޔާގެ މަސައްކަތުގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަމަށް ހުޅުވައި ނުލައި ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު އޭރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދުގެ އާއިލީ ތިން ކުންފުންޏަށް ޖުމްލަ 49.7 މިިލިއަން ރުފިޔާގެ ކޮންޓްރެކްޓް މަސައްކަތް ދީފައިވެއެެވެ.
ފެނަކައިން މަޝްރޫއުތަކާ ގުޅުން ހުރި ހަރަދުތައް ކުރުމުގެ ނަމުގައި 26 މިލިއަން ރުފިޔާ އެކައުންޓްތަކަށް ޖަމާކޮށްފައިވާ އިރު، އެ ފައިސާގެ ތެރެއިން 21 މިލިއަން ޖަމާކޮށްފައިވަނީ މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކަމަށާއި އަދި ނަގުދު ފައިސާގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.
އޭގެ އިތުރުން ބިޑަކަށް ހުޅުވައި ނުލައި އަދި އެއްބަސްވުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ގެ ހިއްސާ އޮންނަ ސިރިއަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ފެނަކައަށް 112 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅިގެން ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު މިއަދު ވިދާޅުވެފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކޯޕަރޭޝަންގެ ބޭނުމަށް ކުރެވިފައިވާ އެންމެހައި ޕްރޮކިއުމަންޓް މުޢާމަލާތްތައް ކުރިއަށް ގެންގޮސްފައިވާނީ ކުންފުނީގެ އެތެރޭގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކުންފުނީގެ ބޯޑުން އެކަށައަޅާފައިވާ އިދާރީ އޮނިގަނޑުގެ ތެރެއިން ކަމަށެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައަކީ، 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ މައްސަލައިގައި ސައީދުގެ މައްޗަށް 26 ޑިސެމްބަރު 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި އެ އަމަލުގެ ސަބަބުން ފެނަކަ ކޯޕަރޭޝަނަށް ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
ފާތިމަތު ލިއުޝާ
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު