ސަރުކާރުތައް ބަދަލުވަމުންދިޔަ ނަމަވެސް ކޮރަޕްޝަން ހުއްޓޭތަން ފެންނަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، މީގެކުރިން އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވެސް ފެނަކައިގެ ކޮރަޕްޝަނާ ގުޅޭގޮތުން މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭރު އޮތް މަޖިލީހުގެ އެސްއޯއީ ކޮމިޓީން މި މައްސަލަ ފުރަތަމަ ބަލަންް ފެށީ ނުވައެއް ފެބްރުއަރީ 2021 ގައި ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ނިންމުމާ ގުޅިގެން 23 ފެބްރުއަރީ 2021 ގައި އެ ކޮމިޓީގެ މުގައްރިރާއި ފެނަކައިގެ އެމްޑީ ސައީދާ ދެ ބޭފުޅުން ބައްދަލުވުމެއް ބޭއްވެވި، އެ ބައްދަލުވުމުގައި ސައީދު ޔަގީންކަން ދެއްވި ފެނަކައިގެ އުސޫލުތައް ބަދަލުކޮށް ކަންކަން އިސްލާހުކޮށް، އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް، އެހެންކަމުން ފެނަކައަށާއި ރައީސް އޮފީހަށް 26 އޭޕްރީލް 2021 ގައި ލިއުމަށްފަހު 28 ޖޫން 2021 ގައި އެ މައްސަލަ ކޮމިޓް ފައިލްކުރި،"

ނަމަވެސް ނާޒިމް ވިދާޅުވީ ދެ އަހަރު ދުވަހަށްފަހު އަލުން އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލަން ފެށީ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިނގައި ދިޔަ މައްސަލަގަނޑާ ގުޅިގެން ކަމަށެވެ.

"އަލުން ހައެއް އޭޕްރީލް 2023 ގައި އަކުން ފައިލް ހުޅުވައި އެސްއޯއީ ކޮމިޓީން އެބޭފުޅުން އޮޑީޓާ ޖެނެރަލްއަށް ދެންނެވީ 2021 އިން 2023 ޖޫންގެ ނިޔަލަށް ފެނަކައިގައި ކަންކަން ހިނގާފައިވާ ގޮތުގެ އޮޑިޓް ރިޕޯޓެއް ހަދަން،"

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓަކީ ވަކި ކަމަކާ ދިމާކޮށް މިސަރުކާރުން ނުވަތަ މިހާރު އޮތް މަޖިލީހުން އެދިގެން ނެރެފައިވާ ސިޔާސީ ރިޕޯޓެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ކުރަމުންދާ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ، އެއީ 19 ވަނަ މަޖިލީހުން ނިންމައިގެން އެކުލަވައިލި ރިޕޯޓެއް ކަމާށައި މިހާރު އޮތް މަޖިލީހުން ބުނެގެން ހެދި ރިޕޯޓެއް ނޫން ކަމަށެެވެ.

ނަމަވެސް ނާޒިމް ވިދާޅުވީ މިހާރު އޮތް 20 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް އެދުނީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ކަމަށެވެ.

"ދެން ތިނެއް ޖުލައިގައި މާލިއްޔަތު ކޮމިޓީން ނިންމީ ޖެނުއަރީ 2020 އިން ފެށިގެން ޖޫން 2024 ގެ ނިޔަލަށް އެ މައްސަލ ބަައިިދިނުމަށް،"

ނަމަވެސް ފެނަކައިގެ އެއްބާރުލުން ނުލިބިގެން އޮޑިޓް ރިޕޯޓް ކުރިއަށް ނުގެންދެވި އޮތުމަށްފަހު، އެ ކުންފުނީގެ އެއްބާރުލުން ލިބިގެން ނިންމައި އޮޑިޓާ ޖެެނަރަލް ރިޕޯޓް ނެރުނީ ކަމަށް ނާޒިމް ވިދާޅުވިއެވެ.