ރާއްޖޭގެ އިގުތިސާދީ ދުވެލި މިހާރު ރަނގަޅު ކަމަށާއި މި ސަރުކާރުން ރައްޔިތުން ބިކަހާލުގައި ނުޖައްސާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް ކަންކަން ސަރުކާރުން ކޮށްދެމުންދާ ކަމަށާއި އެ ހުރިހާ ކަމެއް ކުރަމުންދަނީ މި ސަރުކާރަށް ވާރުތަވި ހަލާކުވެފައި، އިނދަޖެހިފައި އަދި ވަޅުޖެހިފައި އޮތް އިގުތިސާދު ނަގައި ކޮޅަށް ޖަހަމުން ކަމަށެވެ.

"އިރާދަކުރެއްވީތީ މިހާރު އަޅުގަނޑުމެން އިގުތިސާދީ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑުގައި، ރަނގަޅު ގޮތުގައި، ރަނގަޅު މަގުގައި މިދަނީ ކުރިއަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ހާސްވާން ޖެހޭ ގޮތަކަށް އިރާދަކުރެއްވިއްޔާ ކަމެއް ނެތް. އަޅުގަނޑުމެން ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކަމުން މިދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗައިނާއަށް ދައްކަން ހުރި ދަރަނި، ޑެޓް ރިލީފްގެ ހުރިހާ އެގްރިމަންޓުތަކުގައި ސޮއިކޮށް ހަމަޖެހި ނިމިފައިވާކަން ޗައިނާ ނޭޝަނަލް ޑޭގައި ބޭއްވި ޖަލްސާގައި ޗައިނާ ސަރުކާރުން އިއުލާންކުރި ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި އިތުރު ކަންކަން ވެސް ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަށްއޮތް ތަނުގައި ދައްކަން ހުރި ދަރަނިތައް ވެސް މިދަނީ ޕްލޭންކުރަމުން. އެއްވެސް ކަންބޮޑުވުމެއް ނެތި އިރާދަކުރެއްވިއްޔާ ކަންކަން ހަމަޖައްސާނަން. އެހެންވީމާ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ނެތިން ރައްޔިތުން ބިކަހާލުގައި ޖައްސާކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ގެންދަވާނީ، ފައިސާ ޗާޕުނުކޮށް، ބޭރުގެ ދަރަނި ދައްކަވަމުން، ރައްޔިތުންގެ އެތެރޭގެ ދަރަނިތައް ވެސް ދައްކަވަމުން ކަމަށެވެ.