މާލެ ސިޓީގައި 3000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއެއް މިއަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެސް، އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ.
ބޯހިޔާވަހިކަމުގެ ދާއިރާއިން ބެލިކަމުގައިވީ ނަަމަވެސް، ކަންކަން ގެންދަވަނީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފުއްދެވުމުގެ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ހަމަޖައްސަވަމުން ކަމަށާއި މާލޭގައި ވެސް ދާދި އަވަހަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދާދި އަވަހަށް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މާލޭގައި އެންމެ މަދުވެގެން 3000 ހައުސިން ޔުނިޓުގެ މަޝްރޫއެއް އިރާދަކުރެއްވިއްޔާ މި މާލެ ސިޓީގައި މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން. މިއީ އަޅުގަނޑުމެންނަށް އިންޑިއާގެ އެލްއޯސީގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަޖެހިފައި އޮތް 4000 ހައުސިން ޔުނިޓުގެ އިތުރަށް، އެ މަޝްރޫއު އަދި ފެށޭނެ، އެ މަޝްރޫއުގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު 3000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭ ވާހަކަ މި ދެންނެވީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގައި ހިންގާ 3000 ހައުސިން ޔުނިޓުގެ މަޝްރޫއަށް ބޭނުންވާ ހުރިހާ ކަމެއް ނިމެމުންދާ ކަމަށާއި އެ މަނިކުފާނު ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ވައުދަކީ ބޯހިޔާވަހިކަން ކަމަށެވެ. އަދި އެ މަނިކުފާނު ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް، ރައްޔިތުންނަށް ލިބިފައި ހުރި ގޯތިތަކާއި ފުލެޓުތައް ވެސް، އެއްވެސް ބަދަލެއް ނުގެނެސް ހަވާލު ކުރަމުންގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ދެންނެވިގޮތަށް އަލަށް ފެށޭ މަޝްރޫއުތަކުން ވެސް، މާލޭގައި އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް އަޅުގަނޑުމެން ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ހައްލުކުރަމުންދާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ އިތުރުން ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އިޖުތިމާއީ ހުރިހާ ދާއިރާއެއް އަދި އިގުތިސާދީ ހުރިހާ ދާއިރާއަކުން އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ހުރިހާ ކުންފުނިތަކާއި މަޖިލިސް މެންބަރުން، އެންމެން ގުޅިގެން ކުރާ ވަރުގަދަ މަސައްކަތުން ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު ފުއްދަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު