ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސައުތް އިންޑިއާގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) އަކަށް އެވިއާރެޕްސް ހަމަޖައްސައިފިއެވެ.
މޯލްޑިވިއަންގެ ސައުތް އިންޑިއާގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ) އަކަށް އެވިއާރެޕްސް ހަމަޖެއްސީ އެކަމަށްޓަކައި ސައުތް އިންޑިއާގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި އެ އިވެންޓުގައި ޓްރެވަލް އިންޑަސްޓްރީގެ އެންމެ މަތީ ފަންތީގެ ޕާޓްނަރުންނާއި ޓުއާ އޮޕަރޭޓަރުން އަދި މަޝްހޫރު މީޑިއާ ރެޕްރެޒެންޓޭޓިވްސް ބައިވެރިވެފައިވެއެވެ.
އެ އިވެންޓުގައި ބައިވެރީންގެ މެދުގައި ރާއްޖެއަށް ފަތުރުވެރިކަމުގެ ޑިމާންޑް އިތުރުވަމުންދާ މިންވަރާއި ކަނެކްޓިވިޓީ އިތުރަށް ހަރުދަނާ ކުރުމުގައި ރާއްޖޭގެ ދައުރު އިތުރުވަމުންދާ މިންވަރާއި ސައިތް އިންޑިއާގެ ވިޔަފާރީގެ ބައިވެރިންނާއެކު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ މިދިޔަ މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 85،306 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.7 ޕަސަންޓު އިތުރު އަދަދެއް ކަމަށެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި މި އަހަރުގެ ހޫނު މޫސުމުގެ ޝެޑިއުލްގައިވާ ގޮތުން ކޮޗިން އާއި ޓްރިވެންޑްރަމް (ޓީއާރްވީ) އިން ހަފްތާއަކު ހަތަރު ދަތުރު ރާއްޖެއަށް ކުރާނެ ކަމަށެވެ. މި ރޫޓުތަކަކީ ރާއްޖޭގެ އެންމެ ބޮޑު ޑޮމެސްޓިކް ނެޓްވޯކްގެ އެހީގައި ސަރަހައްދީ ކަނެކްޓިވިޓީގެ އިތުރުން ލަގްޒަރީ ރިސޯޓުތަކާއި ސަގާފީ މަރުކަޒުތަކާއި އެޑްވެންޗާ ހަރަކާތްތަކާއި ވެލްނެސް ރިޓްރީޓްތަކަށް ދަތުރުކުރާ ފަރާތްތަކަށް މަގުފަހިކޮށްދޭ ރޫޓުތަކެއްކަމަށް ބުންޏެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އިންޑިއާގެ މާކެޓުން ޝައުގުވެރިކަން އިތުރުވަމުންދާތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިއަދު ސައުތު އިންޑިއާގައި ބޭއްވި އިވެންޓުން މި ސަރަހައްދުގެ މުހިއްމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"އޭވިއެރެޕްސްގެ އެހީތެރިކަމާ އެކު، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިވާނެ،" އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި އެ އެއާލައިންގެ އަމާޒަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ސައުތް އިންޑިއާގައި އެ އެއާލައިންގެ ދައުރު އިތުރަށް ފުޅާކުރުމެވެ.
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް