ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނައަށްދާ ތިން ފަރާތަކަށް ބޭނުން ދާއިރާއަަކުން ޕީއެޗްޑީއާ ހަމަޔަށް ކިޔަވަން ރައީސްގެ ސްކޮލަޝިޕް ދިނުމަށް ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
"ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި އަޅުގަނޑު ވާނީ އިއުލާނުކޮށްފައި. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ ބޮޑު ހިތްވަރެއް ދޭން ޖެހޭނީ، އެންމެ ބޮޑު އިނާމުތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށް." ރައީސް މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.
މިގޮތުން މިއަހަރުން ފެށިގެން، ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ނުބަލައި ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން އެއް ވަނަ، އަދި ހާފިޒުންގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތައުލީމު ހާސިލުކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ގައުމަކުން ތައުލީމު ހާސިލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ދިނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުޅި މުބާރާތުން، ތިން ބައިން އެއް ވަނަ ހޯދާ ފަރާތްތަކަށާއި މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން އެއް ވަނަ ހޯދާ ތަނަކަށް، ރައީސްގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ވެސް ހިމެނޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެ ކަމަށާއި އަދި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުސަތުވެސް އިތުރަށް ފަހިވާނެ ކަމަށެވެ.
މި މަހުގެ 18 އިން 26 އަށް ކުރިޔަށްގެންދިޔަ ކީރިތި ގުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި، ބަލައިގެން 582 ބައިވެރިންނާއި ނުބަލައި 412 ބައިވެރިންނާއި 29 ހާފިޒުން ކިޔަވާފައިވާ ކަމަށާއި މުޅި މުބާރާތުގައި ޖުމުލަ 1037 ބައިވެރިން ކިޔެވި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް އެ މުބާރާތުގެ ނަތީޖާ ފާޅުކުރާ ޖަލްސާ ބާއްވާނެ ތާރީހެއް އިސްލާމިކް މިނިސްޓްރީން އަދި އިއުލާނެއް ނުކުރެ އެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ