ދިވެހި ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ގަތަރު ފުލުހުންގެ ފަރާތުން ފޯރުކޮށްދެއްވާނެ ކަމަށް އިންޓަޕޯލް އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދުގެ ޑެލިގޭޓު އަދި ހެޑް އޮފް އެންސީބީ ދޯހާ އަލީ މުހައްމަދު އަލް އަލީ ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ އިންޓަޕޯލް އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދުގެ ޑެލިގޭޓު ދޯހާ އެހެން ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީންއާއެކު އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

އެ ބައްދަލުވުމުގައި، ގަތަރު ފުލުހުންގެ ފަރާތުން ދިވެހި ފުލުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮއްދެއްވާނެ ކަމަށާއި ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްތަކުން ދިވެހި ފުލުހުންނަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެ އެޕްރޮގްރާމްތަކުގެ ތަފްސީލު ހިއްސާ ކުރި ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ގަތަރު ފުލުހުންގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނާއި އިންޓަޕޯލުން ދިވެހި ފުލުހުންގެ އިދާރާއަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ފުޅާކުރުމާ ގުޅޭގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

"އިންޓާޕޯލް ގްލޯބަލް އެކަޑަމީ ނެޓްވޯކްގައި ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމެންޓް ބައިވެރި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމެންޓުން ހިންގާ ޕްރޮގްރާމްތަކުގައި އިންޓަޕޯލްގެ މެންބަރު ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކަށް ފުރުސަތު ހުޅުވާލުމާއި، މެންބަރު ގައުމުތަކުން ބޭނުންވާ ޕްރޮގްރާމްތައް އިންޓަޕޯލާ ގުޅިގެން ފަރުމާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި." ހޯމް މިނިސްޓްރީ ބުންޏެވެ.

އެބައްދަލުވުމުގެ ތެރެއިން، ކުއްލި ހާލަތުގައި ގަތަރުގެ ކަމާ ގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރާ ގޮތާއި، ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ބޮޑެތި ކުޅިވަރު އިވެންޓުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ނިޒާމުކަމުގައިވާ ކިއު 360 ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު އަދި ތަޖުރިބާ ގަތަރު ފުލުހުންގެ ފަރާތުން ހިއްސާކުރައްވައި، އެފަދަ ނިޒާމުތައް އެހެން ގައުމުތަކުގައި ގާއިމުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި ކަމަށްވެސް ހޯމް މިނިސްޓްރީން ފާހަގަކުރިއެވެ.