މިހާތަނަށް ކްލަބު ގްރީން ސްޓްރީޓްސްއިން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ދެމެޗުން ބަލިވެފައި އޮތް ނަމަވެސް، އެކަމަށް ޝަކުވާކޮށް، ބަހަނާ ދައްކަން ބޭނުންނުވާ ކަމަށް ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.
ދުވަސް ތަކަކަށްފަހު ރާއްޖޭގެ ފުޓުބޯޅަ ސީޒަން އެނބުރި އައިސްފައިވާ އިރު، ގްރީން ސްޓްރީޓްސްއިން މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އެއީ ވިކްޓްރީ ސްޕޯޓްސް ކްލަބު ކައިރިންނާއި ކްލަބު ވެލެންސިއާ ކައިރިންނެވެ.
އެ ދެމެޗުން ބަލިވެފައި އޮވެގެން މިހަފުތާގައި ގްރީން ސްޓްރީޓްސް ނުކުންނަން ޖެހޭނީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. އެއީ މާދަމާރޭ އެވެ.
"ވަރަށް މުހިއްމު މެޗަކަށްވާނެ ކުރިއަށް އޮތް މެޗު. ފުރަތަމަ ދެމެޗުން ޕޮއިންޓް ނުލިބި އޮތުމަކީ ޕްރެޝަރަކަށްވާނެ. އަޅުގަނޑު އެއްވެސް ގޮތަކަށް ދައްކަން ބޭނުންވާ ވާހަކައެއް ނޫން ވަގުތު ނުލިބުނު ވާހަކަ އެއީ. އެއީ ހުރިހާ ޓީމަކަށްވެސް އެ މައްސަލަ އަންނާނެ. އެހެންވީމަ ދެން އޮތީ ކުރިއަށް އޮތް މެޗަށް ވިސްނުން،" ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ނިސްތާރު ފާހަގަކުރިއެވެ.
ކޯޗު ނިސްތާރު ފާހަގަކުރީ ދެ އަހަރަށް ފުޓުބޯޅަ މެދުކެނޑުން އެއީ ޗެލެންޖަކަށްވި ކަމަށާއި، އޭގެ ކުރިން 2023 ވަނަ އަހަރު ގްރީން ސްޓްރީޓްސްއަށް ފީފާ ޓްރާންސްފާ ބޭންއެއް އައުންވެސް އެއީ އުނދަގޫވި ސަބަބެއް ކަމަށެވެ. އެހެން ނަމަވެސް، "އެވާހަކައިގައި މާ ބޮޑަށް ހިފައިގެން އެ ކަމަށް ވިސްނުމަކީ މުހިއްމު ކަމެއް ނޫން،" ކަމަށާއި، އެއަށްވުރެ ބޮޑަށް ވިސްނަނީ އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކަށް ކަމަށްވެސް ކޯޗު ނިސްތާރު ފާހަގަކުރިއެވެ.
ނިސްތާރު ބުނީ ގްރީން ސްޓްރީޓްސްއަށް މި ސީޒަނުގެ ޓާގެޓަކީ ގަދަ ހައެއް ކަމަށާއި، އެކަން ހާސިލުވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ނިސްތާރު ބުނީ ގްރީންއަކީ އަބަދުވެސް ކުޅުންތެރިން ބިނާކޮށްގެން ކްލަބަށް އެ ކުޅުންތެރިންގެ ފައިދާ ހޯދަން ވިސްނާ ކްލަބެއް ކަމަށާއި، ދިގު މުއްދަތަކަށް ޓާގެޓްކޮށްގެން އަބަދުވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ކުޅުނު ދެމެޗުން ބަލިވެފައި އޮތަސް، ޓީމަށް އިތުބާރު ގެއްލުވައިނުލާ ކަމަށް ކޯޗު ނިސްތާރު ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު