އޮޑި ސްޕޯޓްސް ކްލަބަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު ނަމަވެސް، ބުރަ މަސައްކަތުން އެޓީމު ކައިރިން ނަތީޖާ ނެރެވޭނެކަން ގަބޫލުކުރާ ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.

ވިކްޓްރީން އެނބުރި ރާއްޖޭގެ އެއްވަނަ ޑިވިޝަނަށް ނުކުމެ، މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. އަނެއްކޮޅުން އެޓީމުން މިހަފުތާގެ ހުކުރު ދުވަހުގެ ރޭ ވާދަކުރަން ޖެހޭ އޮޑިއަކީ ލީގުގެ އެއްވަނައިގައި އޮތް ޓީމެވެ. އެއީ ދެމެޗުންވެސް ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.

ކުރީގެ އެއްވަނަ ފޯވަޑް ލައްޗޭ ބުނީ އޮޑިއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ނަމަވެސް "މެނޭޖް" ކުރެވޭނެ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް އޮޑިއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު. ކުރިން އެހެން ކްލަބެއްގައި ހުރެގެންވެސް އޮޑި ކައިރީ ތަޖުރިބާތަކެއް ކުރެވިއްޖެ. އޮޑި މެޗަށް ނުކުންނައިރު ދެން މިތިބި ލޯކަލް ކުޅުންތެރިންނަށް އެނގޭނެ އޮޑީގެ ތަފާތުވެސް. އެހެންވީމަ އެ މެޗު މެނޭޖް ކުރެވޭނެ. އޮޑީގައި އެބަތިބި ރާއްޖޭގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން. އެހެންވީމަ އެ ހައިބަތު ހުންނާނެ. އެއީ އޮޑީގެ ތަމްރީނުތައްވެސް ރަނގަޅުވީމަ. އެކަަމަކު އަބަދުވެސް ކުޅުންތެރިން ގާތުގައި މި ބުނަނީ އޮޑި ކައިރިން ނަތީޖާ ނެރެވޭނީ ބުރަކޮށް މަސައްކަތް ކޮށްގެންނޭ. އެހެންވީމަ އެ ހާލަތަށް ކުޅުންތެރިން ވިސްނާނީ،" ލައްޗޭ ބުންޏެވެ.

ގައުމީ ދަނޑުގައި އިއްޔެ ބޭއްވި ޕްރި މެޗު ޕްރެސްގައި ލައްޗޭ އިތުރަށް ބުނީ މުބާރާތް ފެށުމުގެ ކުރިން ވިކްޓްރީއަށް ލިބުނީ މަދު ޕްރެކްޓިސްއެއް ކަމަށާއި، މިހާރު މި ދަނީ މަޑުމަޑުން ޓީމު ހަމައަކަށް އަޅުވަމުން ކަމަށެވެ.

"އަސްލު މުބާރާތް ފަށެމުގެ ކުރިން ލިބުނު ދުވަސްކޮޅު ކުޑަވުމުން ފުރަތަމަ މެޗަށް ނުކުންނަން ޖެހުނީ ގާތްގަނޑަކަށް ޓީމު އެއްކޮށް 10 ވަރަކަށް ދުވަހު ޕްރެކްޓިސްކޮށްފައި. އެހިސާބުން މެޗު ގެއްލިގެން ދިޔައީ. ދެވަނަ މެޗާ ހަމައަށް ދިޔައިރު ވަރަށް ބައިވަރު ކަންކަން ރަނގަޅުކޮށް އެ މެޗު ނެގުނު. ދެން ކުރިއަށް އޮތް މެޗަށް ޓީމަށް އިތުރު ބިދޭސީ ކުޅުންތެރިންތަކެއްވެސް ގުޅި، ދުވަހެއް ދުވަހަކަށް ޓީމުގެ ފެންވަރު މިދަނީ ރަނގަޅުވަމުން،"

ލައްޗޭ ފާހަގަކުރީ ބްރޭކަށް ދިޔުމަށްފަހު ވިކްޓްރީ އެނބުރި އަންނާނީ ރަނގަޅަށް ތައްޔާރުވެގެން ކަމަށެވެ. ހާއްސަކޮށް، އަލަށް ގެންނަ ބިދޭސީ ކުޅުންތެރިންނާއެކު ރަނގަޅު ތަމްރީނުތަކެއް ފުރިހަމަކުރެވުމުން ވިކްޓްރީ ފެންނާނީ މިހާރަށްވުރެ ރަނގަޅަށް ކަމަށްވެސް ލައްޗޭ ބުންޏެވެ.