އިޒްރޭލުން ގައްޒާއާއި ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އަދަބެއްގެ ގޮތުން، އެ ގައުމު ފުޓުބޯޅައިން ބޭރުކުރަން ޖެހޭ ކަމަށް ނޯވޭ ފުޓްބޯލް ފެޑަރޭޝަންގެ ރައީސާ ލީސޭ ކްލަވެނޭސްވެސް ގޮވާލައްވައިފިއެވެ.

ކްލަވެނޭސްއަކީ ނޯވޭ އެފްއޭ ރައީސާގެ އިތުރުން ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނިވަޑައިގަންވާ ބޭފުޅެއްވެސް މެއެވެ. ކްލަވެނޭސް އެހެން ވިދާޅުވުމުން އެކަމުން ދޭހަވަނީ މި ވަގުތު ޔޫއެފާގެ މެޖޯރިޓީ ގައުމުތަކުންވެސް ބޭނުންވަނީ އެ ގޮތް ކަމަށް ނޫސްތައް ބުނެއެވެ.

ކްލަވެނޭސް އެހެން ވިދާޅުވެފައިވާ އިރު، މި ހާލަތަކީ އެކިއެކި ގޮތްގޮތުން ފީފާގެ އިތުރުން ޔޫއެފާއަށްވެސް ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވާ ވަގުތެކެވެ. އިޒްރޭލް ބޭރުކުރުމަށް ވަރުގަދަ ބައެއް ގައުމުތަކުންވެސް ފީފާއާއި ޔޫއެފާއަށް އެދެމުން އަންނަ އިރު، ހަބަރުތައް ބުނެފައި ވަނީ އެ ޕްރެޝަރާއެކު އިޒްރޭލާ މެދު ގޮތެއް ނިންމަން ޔޫއެފާއިން އިމަޖެންސީ ވޯޓެއް ނަގަން ނިންމާފައިވާ ކަމަށެވެ. އެ ވޯޓު މި ހަފުތާ ތެރޭގައި ނަގާނެ ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ.

ނޯވޭއާ އެއް ގްރޫޕެއްގައި އިޒްރޭލުން ވޯލްޑް ކަޕްކޮލިފިކޭޝަންގައި ކުޅެމުން އަންނަ އިރު، ނޯވޭއާއި އިޒްރޭލް ވާދަކުރަން ޖެހޭ މެޗު އަންނަ މަހުގެ 11 ގައި އޮސްލޯގައި އޮންނާނެ އެވެ.

ކްލަވެނޭސް ވިދާޅުވީ ނޯވޭން މެޗު ބޮއިކޮޓް ކުރަން ނުވިސްނާ ކަމަށާއި، އޭރުން އިޒްރޭލަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭނެ ކަމަށެވެ. ނޯވޭއަށް އިޒްރޭލް ބަލިކޮށް، ގްރޫޕްގެ އެއްވަނައިގައި ވޯލްޑް ކަޕް ޖާގައެއް ޔަގީން ކުރެވެން އޮތް އިރު، ދެން އެ ގްރޫޕުން ދެވަނަ މަގާމަށް އިޒްރޭލާ ވާދަކުރަނީ އިޓަލީ އެވެ.

ކްލަވެނޭސް އިތުރަށް ވިދާޅުވީ ރަޝިއާ ހަނގުރާމަ ފެށިތާ ދެ ދުވަސް ތެރޭގައި އެ ގައުމުން ފުޓުބޯޅަ އަދި ޔޫއެފާއިންވެސް ބޭރުކުރި ކަމަށާއި، އިޒްރޭލްގެ ޖަރީމާތަކުގެ މައުލޫމާތު އެނގި ތިބެ، އެގައުމު ފުޓުބޯޅައިގައި ބޭއްވުމަށް އެއްވެސް ގޮތަކަށް ނުފެންނަ ކަމަށެވެ.

މިހާތަނަށް ރިޕޯޓުތައް ދައްކާ ގޮތުން، އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި އެތައް ކުޑަކުދީންނަކާއި އާއްމުން އަދި ކުޅިވަރު އެތުލީޓުންވެސް ވަނީ މަރުވެފައެވެ. ދާދިފަހުން އދ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލުން ހިންގަމުންދަނީ އިންސާނީ ކަރާމާތަށް ހުތުރު އަމަލެއް ކަމަށާއި، ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުންވެސް ހަމަލާތައް ހުއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އިޒްރޭލުން ޔޫއެފާގެ ގައުމެއްގެ ގޮތުގައި ފުޓުބޯޅައިގައި ޝާމިލުވަމުން އަންނަނީ 1974 ވަނަ އަހަރު، އެގައުމު އޭއެފްސީން ބޭރުކުރުމުންނެވެ. އިޒްރޭލަށް ޔޫއެފާގެ މެންބަރުކަން ރަސްމީކޮށް ދިނީ 1994 ވަނަ އަހަރު ނަމަވެސް، އޭގެ ކުރިން 1991 ވަނަ އަހަރުން ފެށިގެން އިޒްރޭލް ގައުމީ ޓީމު އަންނަނީ ޔޫއެފާގައި ތަމްސީލުކުރަމުންނެވެ.