ސަރުކާރުން މަސްވެރިންގެ އަޑުއައްސަވައި، މަސްވެރިން ބޭނުންވާގޮތަށް މަސް ގަންނަ އަގު ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އެކަމުގެ ޔަގީންކަން ދެއްވީ ކެޔޮޅުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރައީސް، ކެޔޮޅުންނާ ބައްދަކުރެއްވި ތިންވަނަ ފަހަރެވެ.
ރައީސް އޮފީހުން ބުނީ މިއަދު ހެނދުނު އެ އޮފީހުގައި ކުރިއަށްދިޔަ އެ ބައްދަލުކުރެއްވުމުގައި، ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާއަތުގައި ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ރައީސްއާ ހިއްސާކުރައްވާފައި ކަމަށެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރި އިތުރު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރެއްވުމަށް ކެޔޮޅުން އެދުނެވެ. އެގޮތުން ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކޮށް، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ކެޔޮޅުން ވަނީ ރައީސްއާ ހިއްސާކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މީގެކުރިން ރައީސްއާ ބައްދަލުކޮށް، ކެޔޮޅުން ހިއްސާކޮށްފައިވާ ބައެއް ކަންކަމާއި، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކޮށްފައިވާ ކަންކަން ފާހަގަކޮށް، އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަންކަންވެސް ކެޔޮޅުން މިއަދު ހިއްސާކުރި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ 48 ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަގީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެ ގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާ މަޝްވަރާކޮށްގެން، މަސްވެރިންގެ ހިޔާލާ އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލު އެ ބައްދަލުކުރެއްވުމުގައި ކެޔޮޅުންނާ ހިއްސާކުރެއްވި ކަމަށާއި އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮ ވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް އެ ބައްދަލުކުރެއްވުމުގައި ކެޔޮޅުންނާ ހިއްސާކުރެއްވިއެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެޔޮޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު