ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށިގެން ފުރަތަމަ ދެ ހަފުތާގެ ކުޅުމުން ފެނިގެން ދިޔައީ ލީގުގެ ވާދަވެރިކަން ކަމަށާއި، އެ ވާދަވެރިކަން މިހާރުވެސް ދަނީ އިތުރުވަމުން ކަމަށް އޮޑި ސްޕޯޓްސް ކްލަބުގެ ކޯޗު، އަންދްރޭސް ގާސިއާ ބުނެފިއެވެ.

ގާސިއާ އެހެން ބުނީ، މިހަފުތާ މެޗުތަކުގެ ޕްރި މެޗު ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. މިއަދު ގައުމީ ދަނޑުގައި ބޭއްވި ޕްރެސްގައި ގާސިއާ ބުނީ ލީގުގެ ފެންވަރު ރަނގަޅު ކަމަށާއި، ކުރިއަށްދާވަރަކަށް ވާދަވެރިކަން ދަނީ އިތުރުވަމުން ކަމަށެވެ.

"އަހަންނަށް ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ބެލިއްޖެ. އެންމެންނަށްވެސް ފެންނާނެ އެއް މެޗުން އަނެއް މެޗަށް އައި ބަދަލުތައްވެސް. ފުރަތަމަ ހަފުތާގައި ދެތިން ޓީމަކުން ފަސޭހަ މޮޅުތަކެއް ހޯދި. ދެން ކުޅުނު މެޗުތަކުގައި ހާލަތު ބަދަލުވެ، ވާދަވެރިވެއްޖެ. ސްކޯގެ ފަރަގު ކުޑަވަމުން ދަނީ. އެއީ ޓީމުތައް ލީގަށް ރަނގަޅަށް ވަދެ، ރަނގަޅަށް ތައްޔާރުވާންވެސް ފެށުމާއެކު. ލެވެލް ރަނގަޅުވަމުން ދަނީ. ކޯޗުންގެ ފެންވަރުވެސް ރަނގަޅު،" ގާސިއާ ބުންޏެވެ.

ސްޕެއިނަށް ނިސްބަތްވާ ކޯޗު ގާސިއާ ބުނީ ލީގު ފެށިއިރުވެސް ވާދަވެރިވާނެކަން އެނގޭ ކަމަށާއި، ލީގު ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ފެށުންވެސް އެއީ ވާދަވެރިވި އެއް ސަބަބެއް ކަމަށެވެ. އެއީ ފުޓުބޯޅަ އަލުން ކުޅުމަށް އޮތް ޝައުގު ބޮޑުވެފައި، ވަރުގަދަ ކުޅުންތެރިންނާއި ކޯޗުން ޓީމުތަކަށް ގެނައުމުން އުފެދުނު ވާދަވެރި ކަމަށް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ގާސިއާ އިތުރަށް ބުނީ ކުރިއަށް އޮތް މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކަށް ލީގު ހަފުތާއަކަށް މެދުކެނޑޭތީ ވިކްޓްރީ ބަލިކުރުން މުހިއްމު ކަމަށެވެ. އެއީ ޓީމު އޮތް "މޮމެންޓަމް" ގެއްލުވާ ނުލުމަށްކަމަށެވެ.

"ފުޓުބޯޅައަކީ އަބަދުވެސް މޮމެންޓަމްއަށް ބިނާވާ އެއްޗެއް. އަހަރެމެން މިހާރު މިއޮތީ ރަނގަޅު މޮމެންޓަމްއެއްގައި، އެހެންވީމަ އެ މޮމެންޓަމް ދަމަހައްޓަން ކޮންމެހެންވެސް ވިކްޓްރީ ބަލިކުރަން ޖެހޭ. އެއީ އިންޓަނޭޝަނަލް ބްރޭކްވެސް އޮތީމަ. ދެން އަނެއް ކަމަކީ، ވެލެންސިއާގެ އިތުރުން ކުރިން ކުޅުނު މެޗުންވެސް ބޮޑު މޮޅެއް ހޯދާފައި އޮތުމަކީ ވިކްޓްރީ ކައިރިން އެހެންވާނެ ކަމަށް ވިސްނަން ޖެހޭ ސަބަބެއް ނޫން. ވިކްޓްރީ އޮތީ މޮޅެއް ހޯދައިގެން ރަނގަޅަށް. ފަސޭހަކޮށްލައިފިނަމަ އުނދަގޫވާނެ. އަހަރެމެން ޖެހޭނީ އެ ޗެލެންޖާ ކުރިމަތިލައި، މިހާރު ޓީމު މިއޮތް ފޯމުގައި ދަމަހައްޓަން. ހާއްސަކޮށް ވިކްޓްރީގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނަށް އެނގޭ މެޗު ކޮންޓްރޯލް ކޮށްގެން ކުޅެން،" " ގާސިއާ ފާހަގަކުރިއެވެ.

އޮޑިން މިހާތަނަށް ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅުވެ، ފައިދާ ގޯލުގެ ބޮޑު ފަރަގެއްގައި އެއްވަނައިގައި އޮތީ ހަ ޕޮއިންޓާއެކުގައެވެ.

ތިންވަނަ މޮޅެއް ހޯދުމަށް އެޓީމުން ކުރަމުންދާ މަސައްކަތުގައި ވިކްޓްރީއާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ.