އަމިއްލަ ކުންފުންޏަކަށް ފެނަކައިން ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާ، ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި، ކޯޓަށް ޖަމާކޮށް އެފަރާތަށް ދޫކުރަން އަންގައިފިއެވެ.

މި މައްސަލައަކީ އެލްފި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ އެ ކުންފުނީގެ ފިހާރައެއް ކަަމަށްވާ "އިލެކްޓްރަރ" އިން 2 ނޮވެމްބަރު 2022 ގެ ފަހުން ފެނަކަ ކޯޕަރޭޝަނަށް ވިއްކި މުދަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ 3.8 މިލިއަން ރުފިޔާ ހޯދުމަށާއި، މި ފައިސާ ނުދީގެން މި މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިއަށްގެންދަން ޖެހުމުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000 ރުފިޔާ ޝަރީއަތުން ހޯދައިދިނުމަށް އެދި ފެނަކަ ކޯޕަރޭޝަންގެ މައްޗަށް ސިވިލްކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.

ދެ ފަރާތުގެ ހުށަހެޅުންތަކަށްފަހު، މި މައްސަލައިގައި މިދިޔަ މެއި މަހުގެ 15 ގައި ސިވިލް ކޯޓުން ހުކުމްކުރީ، ދައުވާގައި ބުނެފައިވާ 3.8 ރުފިޔާއަކީ އެލްފި އަށް ފެނަަކައިން ދައްކަންޖެހޭ ފައިސާއެއް ކަަމަށާއި، އެ ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭގައި އެލްފި އަށް ދައްކަން އަމުރުކުރާ ކަަމަށެވެ. އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި 14 ދުވަހުގެ ތެރޭގައި 25،000 ރުފިޔާ ދައްކަންވެސް ފެނަކައިގެ މައްޗަށް އަމުރުކުރިއެވެ.

ފެނަކައިގެ މައްޗަށް ކުރި މި ހުކުމް ތަންފީޒު ކުރުމަށް އެދި އެެލްފި މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ، ހުކުމާ އެެއްގޮތަށް ފެނަކައިން އަމަލު ކޮށްފައިނުވާތީ އެ ކުންފުނީގެ ބޭންކު އެކައުންޓުގައިވާ ފައިސާ ކޯޓު އަމުރުގެ ދަށުން ހިފަހައްޓައި ކޯޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެލްފި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރަން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.