އިންޑިއާއިން ރޭ ޕާކިސްތާން ބަލިކޮށް، އޭސީސީ އޭޝިއާ ކަޕް ކާމިޔާބުކުރި އިރު، މެޗަށްފަހު ތަށި އުފުލައިލަން ދެކޮޅު ހަދައިފިއެވެ.

ރޭ ޑުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި އިންޑިއާއިން ޕާކިސްތާން ބަލިކުރީ ފަސް ވިކެޓުންނެވެ. އިންޑިއާއިން މިހާތަނަށް ނުވަ ފަހަރު އޭޝިއާ ކަޕް ކާމިޔާބުކޮށްފައިވާ އިރު، އެޓީމަކީ މުބާރާތުގައި އެންމެ ކާމިޔާބު ޓީމެވެ. އިންޑިއާއިން މިފަހަރު ޗެމްޕިއަންކަން ހޯދީވެސް ވަރުގަދަ ފޯމަކާއެކުގައެވެ.

ޖުމުލަ 8 ޓީމާއެކު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ތިން ފަހަރު މަތިން ޕާކިސްތާނާ ވާދަކޮށްވެސް ކުރި ހޯދީ އިންޑިއާއިންނެވެ.

ފައިނަލުގައި ޓޮސް ދިމާވުމުން އިންޑިއާއިން ނިންމީ ފީލްޑް ކުރުމަށެވެ. ޕާކިސްތާނުން ކުޅެން އަރައި، 19.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދީ 146 ލަނޑެވެ.

އެންމެ ގިނަ ލަނޑު ހަދައިދިިނީ، 38 ބޯޅައިން 57 ލަނޑު ހެދި ޝަހީބްޒާދާ ފަރްހާނާއި 35 ބޯޅައިން 46 ލަނޑު ހެދި، ފަހާރު ޒަމަނެވެ. މި އިނިންގްސްގައި، އިންޑިއާގެ ކުލްދީޕް ޔާދަވް ވަނީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފައެވެ. އަދި ވަރުން ޗަކްރަވަރުތީއާއި އަކްސާރު ޕަޓޭލް އަދި ޖަސްޕްރީތު ބުމްރާ ވަނީ ކޮންމެ އުކުންތެރިއަކު ދެވިކެޓް ނަގައިފައެވެ.

ޖަވާބުގައި ކުޅެން އަރައި އިންޑިއާއިން މޮޅުވީ 19.4 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވި އިރު، 150 ލަނޑު ހަދައިގެންނެވެ. އިންޑިއާއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ނުބައިނުވެ 53 ބޯޅައިން 69 ލަނޑު ހެދި ތިލަކު ވަރުމާއާއި 22 ބޯޅައިން 33 ލަނޑު ހެދި ޝިވަމް ދޫބޭއެވެ.

ފައިނަލަށްފަހު ނިންމުމުގެ ރަސްމިއްޔާތު ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ. ނިންމުމުގެ ރަސްމިއްޔާތު ނުފެށި ދިގުލައިގެން ގޮސް، ހުށަހަޅަން ހުރި ސިމޯން ޑޮއުލް އިއުލާނު ކުރީ އޭސީސީން އޭނާއަށް އެންގީ އިންޑިއާ ކްރިކެޓް ޓީމުން ތަށްޓާ ހަވާލުވާން ބޭނުން ނުވާ ކަމަށެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް ޑެވާޖިޓް ސައިކިއާ ވިދާޅުވީ ކުޅުންތެރިން ޓްރޮފީ އުފުލާލަން ބޭނުން ނުވީ އޭސީސީގެ ރައީސް، ޕާކިސްތާންގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އެގައުމުގެ ދާހިލީ ވަޒީރު މޮހްސިން ނަގްވީ އަތްޕުޅުން ތަށި ބަލައިގަންނަން ބޭނުން ނުވާތީ ކަމަށެވެ.

ހަނގުރާމައިގެން ތުންފަތް މަތީގައި އޮތް ޕާކިސްތާނާއި އިންޑިއާގެ ފަރާތުން ރޭ ފެނުނު މަންޒަރާއެކު، ޕާކިސްތާނުގެ ކެޕްޓަން ސަލްމާން އަގްހާ ބުނީ އިންޑިއާއިން މެޗަށްފަހު ސަލާމްވެސް ނުކުރާ ކަމަށާއި، މުޅި ކްރިކެޓަށްވެސް އެއީ ހުތުރު އަމަލެއް ކަމަށެވެ.

އަނެއްކޮޅުން އިންޑިއާ ކެޕްޓަން ސުރްޔަކުމާރް ޔާދޭވް ބުނީ އޭސީސީން އިންޑިއާއަށް ތަށި ދޭން ބޭނުން ނުވީ ކަމަށެވެ.

އޭޝިއާ ކަޕް ފައިނަލުގެ ކުރިންވެސް ސިޔާސީ ގިނަ ފަރާތްތަކުގެ ޓްވީޓްތަކާއެކު އެހެނިހެން ބަހުސްތަކުގެ ތެރެއިން މެޗު އޮތީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައެވެ.