އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން ކުޅުނު މެޗުގައި ފަހުވަގުތު ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި އާސެނަލުން ނިއުކާސަލް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިހަފުތާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ އިތުރުން ލިވަޕޫލްވެސް ކުޅުނު މެޗުތަކުން ބަލިވެފައި އޮތް އިރު، ރޭގެ މެޗުން މޮޅުވެ، އާސެނަލަށް ވަނީ ދެވަނަށް ޖެހިލެވިފައެވެ.

އާސެނަލަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު އެއްވަނައިގައި އޮތް ލިވަޕޫލަށް ހަ މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ.

ރޭ ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި ނިއުކާސަލްއިން ވަނީ ލީޑު ނަގައިފައެވެ. ނިކް ވޯލްޓެމޭޑް ބޮލުން ބޯޅަ ގޯލަށް ވައްދާލި އިރު، އެއީ ކޯނަރެއްގައި ނިއުކާސަލްއިން ޖެހި ގޯލެކެވެ.

އެ ގޯލަށްފަހު މެޗުގެ ބޮޑުބައެއްގައި ނިއުކާސަލްއިން ވަނީ އާސެނަލް ހިފަހައްޓަން ރަނގަޅު މަސައްކަތްތަކެއް ކޮށްފައެވެ. ފުރަތަމަ ހާފުގައިވެސް އެބެރެޗީ އެޒޭގެ ނުރައްކާތެރި ދެ ހަމަލާއެއް ނިއުކާސަލް ކީޕަރު ނިކް ޕޯޕް މަތަކުރިއެވެ.

އޭގެ އިތުރުން ދެވަނަ ހާފުގައިވެސް ޖޫރިއެން ޓިމްބާގެ ހަމަލާވެސް މަތަކުރީ ނިކް ޕޯޕެވެ.

އާސެނަލުން ގޯލެއް ޖަހަން ކުރި މަސައްކަތް ދިގުލައިގެން ދިޔުމާއެކު ކޯޗު މިކޭލް އާޓެޓާ ވަނީ މިކޭލް މެރީނޯއާއި މާޓިން އޮޑެގާޑް ކުޅެން ނެރެފައެވެ. އެ ދެކުޅުންތެރިންވެސް ނަތީޖާ އަނބުރާލުމުގައި މުހިއްމު ދައުރެއް އަދާކުރި އިރު، އާސެނަލަށް މެޗު އެއްވަރުކޮށްދިނީ މެރީނޯއެވެ.

އެ ގޯލާއެކު ހިތްވަރު ހޯދައި، އާސެނަލުން ވަނީ މެޗުގެ 96 ވަނަ މިނެޓުގައި މޮޅުވި ގޯލް ޖަހައިފައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ ގެބްރިއަލްއެވެ.