ހުރިހާ ބާރެއް މުށުތެރެއަށް ލައިގެންވެސް، ކުރީ ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް އޮއްބާލީ ޑީލެއްގެ ތެރެއިން ކަމަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފިއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ސައީދު އެހެން ވިދާޅުވި އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެނިކޮށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަދަބު ލުއިކޮށްދެއްވުމުން ވަނީ މިނިވަންވެފައެވެ. އޭނާއާއެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް މިނިވަންވިއެވެ.

މިރޭގެ ޕްރޮގްރާމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް އެމްޑީޕީން ދެއްކި ވާހަކައަކީ ވައްކަމާއި އަނިޔާގެ ވާހަކަ ކަމަށާއި އެންމެ ބޮޑަށް ދެއްކީ އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ވެރިކަމަށް އައިސް، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް އެ މައްސަލަ އެމްޑީޕީގެ ސަރުކާރުން ނުބެލި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުގައި ހުރިހާ ބާރެއް އޮތް، ހުރިހާ ބާރެއް ޖަމާކޮށްފައި އޮތް. އެންމެ މައްސަލައެއް ވެސް ބެލުނުތޯއޭ. އެމްއެމްޕީއާރުސީގެ މައްސަލަ ބެލުމުގެ ބަދަލުގައި ޑީލްއެއްގެ ތެރެއިން އެކަން ދިޔައީ ނޫންތޯ އޮއްބާލައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އޭރު ހުރިހާ ބާރެއް އޮތީ އެމްޑީޕީގެ އަތުގައި ކަމަށާއި ނަމަވެސް ތަނެއް ލޫޓުވުމުން، ނޫނީ ތަނެއްގައި ވައްކަން ގިނަވެގެން، އެ ކަންބޮޑުވުން ގިނަވެގެން އަންނަ ބަޔަކު އައިސް އެންމެ ފުރަތަމަ ބަލަންޖެހޭ ކަންތައްތައް ނުބަލައި ދޫކޮށްލި ކަމަށެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޮރަޕްޝަނާއި އަނިޔާގެ ވާހަކަތައް ދައްކަވައިގެންކަން މިނިސްޓަރު ފާހަކުރެއްވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަންގެ މައްސަލައާއެކު ހުރިހާ ކޮރަޕްޝަންގެ ކަންތައްތަކަކާއި ކުންފުނިތައް ދަރުވާލުމާއި، ރިޒާވް ހުސްކޮށްލުމާއި، އެސްޑީއެފްސީގައި ހުރި ފައިސާކޮޅު ހުސްކޮށްލުމާއި، ދިވެހި ފައިސާގެ އަގު ވައްޓާލުމާއި، ނެތް ފައިސާއިން ބަޖެޓުގައި ނުޖަހާ ކަންތައްތައް ކުރުމާއި، އެހެން ގޮސް މުޅި ހިންގުމުގެ ނިޒާމު މައްސުނިކޮށްލި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.