ޗެލްސީއަށް ކުޅެމުންދާ އިންގްލެންޑްގެ ތަރި ކޯލް ޕާމާގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ތިން ހަފުތާގެ ރެސްޓެއް ދޭން ނިންމާފައިވާ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.
ޕާމާގެ އުކުޅުވަޅަށް ފުރަތަމަ އަނިޔާވެފައި ވަނީ ކްލަބު ވޯލްޑް ކަޕަށްފަހު، ކްލަބުން ކުރިއަށް ގެންދިޔަ ޕްރި ސީޒަނުގައެވެ. އޭރުން ފެށިގެން ޕާމާ އަނިޔާގައި އުޅެފައިވާ އިރު، މިހާތަނަށް ސީޒަނުގައި ޗެލްސީން ކުޅުނު ހަތް މެޗުގެ ތެރެއިން ޕާމާ ފެށީ ތިން މެޗެވެ.
އޭގެ އިތުރުން އެންމެފަހުން އިންގްލެންޑުން ކުޅުނު މެޗުތަކުގައިވެސް ޕާމާ ކުޅެފައި ނުވާ އިރު، މެންޗެސްޓާ ޔުނައިޓެޑް ކައިރިން ޗެލްސީ ބަލިވި މެޗުގެ ފުރަތަމަ ހާފަށް ފަހުވެސް ކޯޗު މަރެސްކާ ވަނީ ޕާމާ ބަދަލުކޮށްފައެވެ.
"ޕާމާއަށް ރެސްޓް ދޭން އަހަރެމެން ނިންމައިފިން. އެއީ އަނިޔާވެގެން ނުކުޅެވޭވަރު ވެގެނެއް ނޫން. އަހަރެމެން ބޭނުން ނުވީ ޕާމާގެ އަނިޔާ އިތުރަށް ގޯސްވާން. އެހެންވެގެން ދެތިން ހަފުތާއެއްގެ ރެސްޓް މިދިނީ. އަހަރެމެން ބަލައި ގޮތުގައި ދެ ހަފުތާއަށްފަހު ދެން އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު ޕާމާ 100 ޕަސެންޓް ފިޓްވާނެ،" މަރެސްކާ ބުންޏެވެ.
މަރެސްކާ ބުނީ ސާޖަރީއަކަށް ނުގޮސް ޕާމާގެ އަނިޔާ ރަނގަޅުވާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.
ޕާމާއަކީ މިދިޔަ ސީޒަނުގައިވެސް ޗެލްސީއަށް އެންމެ މޮޅަށް ކުޅުނު ކުޅުންތެރިޔާއެވެ. އޭނާ ވަނީ 37 މެޗުގައި ކުޅެ، 15 ގޯލް ޖަހައި، އަށް އެސިސްޓް ފުރިހަމަ ކޮށްފައެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ