ޓިކްޓޮކްގައި މަގުބޫލުކަމެއް ހޯދަމުންދާ އާމިނަތު ފޭޒްލީން ބަންދުން ދޫކޮށްލާނީ، ކަފާލާތަށް ދިހަ ގަޑިއިރުގެ ތެރޭގައި 10،000 ރުފިޔާ ދެއްކުމުން ކަމަށް ކޯޓުން ނިންމައިފިއެވެ.

ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:38 ހާއިރު ތިނަދޫގައި މީހަކު ހުއްދަނެތި ގެއަކަށް ވަދެ، އެ ގޭގައި ކުޑަކުދިންތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރުދީފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ތިނަދޫ، ފުޓްލައިޓްއާގެ، އާމިނަތު ފޭޒްލީން (49އ) ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރުފަހު 2:32 ހާއިރު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން ނިންމީ ދިހަ ގަޑިއިރުގެ ތެރޭގައި 10،000 ރުފިޔާ ކޯޓުގައި ބަހައްޓާގޮތަށް ކަފާލަތުގެ ދަށުން ދޫކުރަން ކަމަށެވެ. އަދި ދިހަ ގަޑިއިރުގެ ތެރޭގައި ފައިސާ ނުބެހެއްޓުނު ނަމަ، 15 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.