ސަރުކާރުން ރަށްރަށުގައި ހަދާ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް 10،000 ރުފިޔާއަށް ކުޑަކޮށް ގްރޭސް ޕީރިއަޑް ތިން މަސް ދުވަހަށް އިތުރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި އަޅާ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމެންޓުގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ 20،000 ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަދަދު ބޮޑުކަމުގެ ޝަކުވާ ލިބެމުންދާތީ 10،000 ރުފިޔާއަށް އެއަދަދު ކުޑަކޮށްދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ތިމަރަފުށީގައި މިހާރު އަޅާފައިވާ ހައުސިން ޔުނިޓްތަކުގެ ޔުޓިލިޓީ މަސައްކަތް ނިންމަން މިހާރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެތަނަށް ވަދެވޭނެ ވަރުކޮށްދިނުން ކަމަށެވެ. މި އަހަރުގެ ނިޔަލަށް އެ މަސައްކަތް ނުނިންމުނަސް އެންމެ ލަސްވެގެން ރޯދައިގެ ކުރިން، އެތަން ލިބުނު މީހުންނަށް އެތަނަށް ވަދެވޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ދެންނެވި ޑައުންޕޭމަންޓް 10،000 ރުފިޔާއަށް ކުޑަކޮށްދޭނަން، އަދި މިރަށުގައި ވެއްޖެއްޔާ މި ގްރޭސް ޕީރިއަޑް އެކްސްޓެންޑް ވެގެންދާނެ އެތަނަށް ވަދެ ނިމެންދެން، އެތަނަށް ވަދެވި ބޭނުންކުރަން ފެށުމުން ގްރޭސް ޕީރިއަޑް ހިނގަން ފަށާނީ، މީ ނިމިފަ ހުރި ތަނެއް ނޫން، ނިމިފަ ހުރި ތަންތަނަށް އިތުރު 3 މަސް މި ލިބެނީ." ރައީސް ވިދާޅުވި އެވެ.
ތިމަރަފުށީގައި އިތުރު 100 ހައުސިން ޔުނިޓު އެޅުމަށް އަންނަ އަހަރުގައި ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ހައުސިން ޔުނިޓްތަކުން އާންމުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހައުސިން ޔުނިޓް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ތިމަރަފުށީގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަށްވަނީ އަލިއަޅުއްވާލާފަ އެވެ. އެގޮތުން އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަން ފާހަގަކުރެއްވި އެވެ. އެ ހޮސްޕިޓަލު ނިމެންދެން މަޑުނުކޮށް މިހާރުން މިހާރަށް ސިއްހީ ދާއިރާ ކުރިއަރުވަން މިހާރު ހުރި ސިއްހީ މަރުކަޒު ލެވަލް 4 އަކަށް ބަދަލުކުރުމުގެ މަސައްކަތް 4 މަސްތެރޭ ނިންމާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެހެނިހެން ބައެއް މަޝްރޫއުތައް:
- ބަނދަރުގެ ހާލަތު ރަނގަޅުކުރުމަށް މިހާރު އޮތް ތަނުގައި އާ ބަނދަރެއް ބޮޑުކޮށް ހެދުން
- މަގުތަކުގައި ތާރު އެޅުމަށް މިރޭވަނީ އެޗްޑީސީ އާ ހަވާލުކޮށްފައި
- ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދުވަނީ ފަށާފައި
- އެރަށުގައި ފުޓްސަލް ދަނޑެއް އަޅަންވަނީ ނިންމާފައި، އަދި މިހާރު ހުރި ފުޓުބޯޅަ ދަނޑުގައި ސިޑިބަރިއެއް ބެހެއްޓުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ވިދާޅުވި
- މިހާރު ހުރި ޔޫތު ސެންޓަރު ރިފާބިޝްކޮށް ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމްކުރަން އަންނަ މަހު ފަށާނެ
- އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވޮލީ ކޯޓެއްގެ މަސައްކަތް އެރަށުގައި ކުރާނެ
- އަންނަ ނޮވެމްބަރު މަހު އެރަށުން އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ލިބޭނެ
- އެރަށުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހިންގަން ވެމްކޯ އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު