އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން، އެގައުމު ފުޓުބޯޅައިން ބޭރުކުރުމަށް އެތައް ބަޔަކު ގޮވަމުންދާ އިރު، އެ ޕްރެޝަރުގައި ޔޫއެފާ މުބާރާތްތަކުން އިޒްރޭލް ބޭރުކުރުމަށް ވޯޓަކަށް ދާން މަޖުބޫރު ވެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ފަލަސްތީނުގެ ގާޒާ ނެތިކޮށްލުމަށް އިޒްރޭލުން ނިރުބަވެރި އެތައް ހަމަލާއެއްދީ، ގިނަ އަދަދެެއްގެ ކުޑަކުދިންނާއި ކުޅިވަރު އެތުލީޓުންވެސް ޝަހީދުކޮށްލާފައިވެއެވެ. ހާއްސަކޮށް އިޒްރޭލުން ވަނީ ފުޓުބޯޅަ ކުޅުންތެރިންނާއި އެތައް އާއްމުންނެއް ޝަހީކޮށްލައިފައެވެ.

އެ ޖަރީމާތައް އިޒްރޭލުން ހިންގަމުންދާއިރުވެސް، އިޒްރޭލް ހުރިހާ ކުޅިވަރެއްގައި ވާދަކުރަމުންދާތީ، އިންސާނީ ހައްގުތަކާ ބެހޭ އެތައް ޖަމިއްޔާއަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ. ހާއްސަކޮށް އިޒްރޭލަށް ފީފާގެ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގައި ފީފާއިންވެސް ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

ދާދިފަހުން އދ ގެ ކަމާބެހޭ ފަރާތްތަކުގެ އިސް އޮފިޝަލުންތަކެއްވެސް ވަނީ ބައިނަލްއަގުވާމީ ފުޓުބޯޅައިން އިޒްރޭލް ބޭރުކުރުމަށް ގޮވާލައިފައެވެ. އެކަމުގައި ގިނަ ގައުމުތަކެއްގެ ބައިވެރިވުންވެސް ހިމެނޭ އިރު، ޔޫރަޕް ގައުމުތަކުގެ ފުޓުބޯޅަ ފެޑަރޭޝަންތަކުން ދަނީ އެކަމުގައި ޔޫއެފާއަށް ޕްރެޝަރު ބޮޑުކުރަމުންނެވެ.

ހާއްސަކޮށް ގައުމުތަކުގެ ކޯޗުންގެ ޔޫނިއަންތަކުން އެގައުމުގެތަކުގެ ފެޑަރޭޝަންތަކަށްވެސް އެ ޕްރެޝަރު ބޮޑުކުރަމުންދާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. އެ ޕްރެޝަރާއެކު އަންނަ ހަފުތާގައި ޔޫއެފާއިން ވޯޓަކަށް މަސައްކަތް ކުރާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ.

ރޮއިޓާސްއިން ބުނީ އެ ވޯޓާއެކު ޔޫއެފާ މުބާރާތްތަކުން އިޒްރޭލް ސަސްޕެންޑްވުން އެކަށީގެންވާ ނަމަވެސް، ފީފާއިން އެކަމަށް އިޖާބަދޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ޔޫއެފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އިޒްރޭލް މިހާރު އޮތް ހާލަތުން، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފުރުސަތެއް އޮތް ނަމަވެސް، ކުރިއަށް އޮތް ކޮލިފިކޭޝަން މެޗުތައް ނުކުޅެވޭ ނަމަ އެ ފުރުސަތު ގެއްލޭނެއެވެ.

އެހެން ނަމަވެސް، އެކަމުގައި ފީފާގެ ސްޓޭންޑަށް ބަލާނެ ކަމަށް ނޫސްތައް ބުނެއެވެ. ހާއްސަކޮށް އެމެރިކާއިން ބޭނުން ވަނީ އިޒްރޭލް ފުޓުބޯޅައިން ބޭރުނުވާނެ ހުރިހާ ގޮތެއް ހޯދުމެވެ. އެކަމުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އިޒްރޭލް ސަސްޕެންޑް ނުވާނެ ހުރިހާ ގޮތެއް ހޯދާނެ ކަމަށެވެ.

އިތުބާރު ނޫސްތަކުން ބުނީ ޔޫއެފާއިން އަންނަ ހަފުތާގައި، މާބެއްލާގައި ބާއްވާ ބައްދަލުވުމުގެ އެޖެންޑާގައި އިޒްރޭލްގެ މައްސަލަ ނެތް ނަމަވެސް، އެމަޖެންސީ ވޯޓަކަށް ދިޔުން ވަރަށް ގާތް ކަމަށެވެ.

މީގެ ކުރިންވެސް އިޒްރޭލް ފުޓުބޯޅައިން ބޭރުކޮށްދޭން ފަލަސްތީނުން ފީފާއަށް ހުށަހަޅާފައިވެއެވެ. އެފަހަރު ފަލަސްތީން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް ވިދާޅުވެފައި ވަނީ އިޒްރޭލުން ފީފާގެ އިތުރުން މުޅި އިންސާނިއްޔަތުގެ އުސޫލުތަކާވެސް ހިލާފުވެފައިވާ ކަމަށެވެ. އަދި އެކަމުގައި ޔޫއެފާއާއި ފީފާއިންވެސް ފިޔަވަޅު އަޅައިދޭން އޭނާ އެދިލެއްވިއެވެ.

އިޒްރޭލް ޔޫއެފާ މުބާރާތްތަކުންނާއި ފުޓުބޯޅަ ހަރަކާތްތަކުން ސަސްޕެންޑް ކުރުމަށް ޔޫއެފާ އެކްސްކޯގައި ހިމެނޭ ބައެއް މެމްބަރުންވެސް ވަނީ ފާޅުގައި ގޮވާލައްވައިފައެވެ. އެގޮތުން ނޯވޭ އެފްއޭގެ ރައީސް، ލީސް ކްލަވެނެސްވެސް ހިމެނެއެވެ. އޭގެ އިތުރުން ސްޕެއިން ފަދަ ގައުމުތަކުގެ ވެރިންވެސް އެކަމަށް ގޮވާލައްވާފައިވެއެވެ.