ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) ނިޔާވެއްޖެއެވެ.

ސްޓްރޯކެއް ޖެހުމާ ގުޅިގެން އިފްރާގެ ސިކުނޑިއަށް އެޅިފައިވާ ލޭތައް ނެގުމަށް ސާޖަރީއެއް ހެދި ނަމަވެސް، އޭރުއްސުރެ އޭނާ އޮތީ ކޯމާއެއްގައެވެ.

"ވަން" އެނގިފައިވާ ގޮތުގައި، އުމުރުން 36 އަހަރުގެ އިފްރާ، މިރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.

އިފްރާގެ ފުޓުބޯޅަ ކެރިއަރު ފުރަތަމަ ފެށީ ކްލަބު ވެލެންސިއާ އިންނެވެ. އެއަށްފަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ބަދަލުވެ، އޭނާ ދެއްކި މޮޅު ކުޅުމާއެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރެއިން ފާހަގަކޮށްލެވިގެން ދިޔައެވެ.

ވެލެންސިއާ އާއި މާޒިޔާގެ އިތުރުން ވެސް އިފްރާގެ ކްލަބު ކެރިއަރުގައި އޭނާ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ބީޖީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ކުޅުނު އިފްރާ ވަނީ ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައެވެ. އެގޮތުން ގައުމީ ޓީމާއެކު އޭނާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.