ސަރުކާރުން އަމިއްލަ މީޑިއާތަކަށް ދޭން ކަނޑައަޅާފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކުރި އިއުލާނުގައި އޮތީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެމަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

އެގޮތުން މި ސެޕްޓެމްބަރު މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ 2 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު ހަމަވާނެއެވެ.

ނަމަވެސް އިތުރު މީޑިއާތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހާރު ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެ މުއްދަތު އިތުރުކޮށްފައެވެ.

މި ފުރުސަތުގައި މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވްގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv އެވެ.

މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު މިހާރު ވަނީ އެކުލަވާލައި ގެޒެޓުކޮށްފައެވެ. އެއުސޫލުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ވަނީ ބަޔާންކޮށްފައެވެ.

ރައީސް އޮފީހުން މީގެކުރިން ބުނީ އެ އުސޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމައި، ރައީސް އިއުލާނު ކުރެއްވި ގޮތަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށްވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވާ ކަމަށެވެ.

އެއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށް ފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.