ސްޕެއިން އަދި ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ގަވީގެ ކަކުލަށް އިތުރު އަނިޔާއަކާ ކުރިމަތިވެ، ކުރިއަށް އޮތް ފަަސް މަސް ދުވަހުގެ ކުޅުން އޭނާއަށް ގެއްލޭނެ ކަމަށް ބެލެވިއްޖެއެވެ.

އުމުރުން 21 އަހަރުގެ ގަވީ، މިސީޒަނުގައި ބާސާއިން ކުޅުނު ފުރަތަމަ ދެމެޗުގައި ކުޅެފައިވީ ނަމަވެސް، އޭނާއަށް ވަނީ އޮގަސްޓް މަސް ތެރޭގައި އަނިޔާވެފައެވެ. އެއީ ބާސާގެ ތަމްރީނުތަކުގެ ތެރެއިންނެވެ.

ރިޕޯޓުތައް ބުނެފައި ވަނީ ގަވީގެ ކަކުލުގެ އޭސީއެލްއަށް އަނެއްކާވެސް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި، މިހާރުވެސް އޭނާ ސާޖަރީއެއް ހަދާފައިވާ ކަމަށެވެ. ބާސާއިން އެކަން ޔަގީން ކޮށްދީފައިވާ އިރު، އެ ކްލަބުން ބުނީ މިފަހަރު އޭސީއެލް އެއްކޮށް ވީދައިގެން ނުދިޔަ ނަމަވެސް، އޭސީއެލްއަށް ލިބުނު ގެއްލުމުގެ ސަބަބުން ގަވީ ވަނީ އާތުރޮސްކޯޕީއެއް ހަދާފައި ކަމަށެވެ.

އެ ކްލަބުން ބުނީ ގަވީ އެނބުރި ކުޅުމަށް ނުކުތުމަށް ގާތްގަނޑަކަށް ހަތަރެއް ނޫނީ ފަސް މަސް ބޭނުންވާނެ ކަމަށާއި، އުނދަގޫ ހާލަތެއް ނަމަވެސް ގަވީ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ.

ގަވީއަކީ ބާސާ ޖާޒީގައި ކުޅުނު ހަތަރުވަނައަކަށް އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އޭނާ ފުރަތަމަ ފަހަރު އެ ކްލަބަށް ކުޅުނީ 2021 ވަނަ އަހަރުއެވެ. އޭގެފަހުން 155 މެޗު ކްލަބަށް ކުޅެ، ފަސް ތަށި ހޯދާފައިވެއެވެ.

ގަވީއަށް 2023 ވަނަ އަހަރުވެސް އޭސީއެލް އަނިޔާއެއް ކުރިމަތިވެ، ސާޖަރީއަކަށް ދާން ޖެހިފައިވެއެވެ. އެފަހަރު ސްޕެއިންއަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން ގަވީއަށް ވަނީ 11 މަސް ދުވަހުގެ ކުޅުން ގެއްލިފައެވެ.