ތ. ހިރިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އާމްދަނީ ހޯދުމަށްޓަކައި މައިގަނޑުގޮތެއްގައި މަސްވެރިކަން ކުރާ، 1270 މީހުންގެ އާބާދީއެއް އޮންނަ ހިރިލަންދޫއަކީ އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ވެސް މަސްއޮޑިފަހަރު އެންމެ ގިނަ އެއް ރަށެވެ. އަދި މުދާ ބޭލުމަށާއި ތަފާތު އެކިއެކި ބޭނުންތަކަށް ހިރިލަންދުއަށް އަންނަ އުޅަނދުފަހަރުވެސް ވަރަށް ގިނައެވެ.

އެމްޓީސީސީން ބުނީ ހިރިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމުމާއެކު، އޮޑިދޯނިފަހަރު އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 127،772.15 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 594 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 88 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 516 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 688 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 3558 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްކުރާނެއެވެ.

އެ މަޝްރޫއަކީ 159.60 މިލިއަން ރުފިޔާއަށް 940 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.